އައްޑުއަތޮޅުގެ ބައެއް ރަށްރަށުން ރުކަށް ގެއްލުންދޭ ރަތްމަޑި ފެނުމާ ގުޅިގެން އެ އަތޮޅުން ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން މަނާކޮށްފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 2011/12) ގެ ދަށުން މި ފިޔަވަޅު އެޅީ ރާއްޖޭގެ އެހެން ރަށްތަކަށް މި މަޑި ފެތުރުނަ ނުދިނުމުގެ ބޭނުމުގައެވެ. ރެޑް ޕާމް ވީވިލް ނުވަތަ ރަތްމަޑިއަކީ ރުކާއި ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް ހައްދާ ރުކުގެ އާއިލާގެ ގަސްތަކަށް ބޮޑެތި ގެއްލުންތައް ދޭ ނުރައްކާތެރި ސޫތްޕެކެވެ.

މި މަޑީގެ ލާވާ މަރުހަލާގައި ރުކުގެ ކަނދުގެ އެތެރޭގައި ހުންނަ މަޑު ބައިތައް ކައި ހަލާކުކުރެއެވެ. ނުރައްކާތެރި ކަމަކީ މި ގެއްލުން ބޭރުފުށުން ފެންނަން ނުހުންނާތީ، މަޑި ރުކުގައި ވަރަށް ބޮޑަށް އަށަގެންފައި ހުންނައިރުވެސް އެކަން ދެނެގަންނަން އުނދަގޫވުމެވެ. ނަތީޖާއެއްގެ ގޮތުން ރުކުގެ ކުރި ވަރަށް އަވަހަށް މަރުވެ، އެންމެ ފަހުން މުޅި ރުއް މުޅިން ހަލާކުވެދެއެވެ.

މިނިސްޓްރީގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މަޑި ފެނިފައިވާ ރަށްރަށުގެ ރުއްތަކުގައި މިހާރު ވެސް ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އޭގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި މަޑި ކޮންޓްރޯލް ކުރުމަށްޓަކައި ޕެރޮމޯން ޓްރެޕް ބޭނުންކުރުމުގެ ތައްޔާރީތައް ވެސް ކުރިއަށްގެންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޑި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މަޑި ފެތުރުން ހުއްޓުވުމަށް އަވަހަށް މަޑި އުޅޭ ރުއް ދެނެގަތުމާއި ގަވާއިދުން ރުއް ބަލައި ފާސްކުރުމުގެ މުހިންމުކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.