އަމިއްލަ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 20 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމްކުރީ، ހުސައިން ޝިރުވާން ކިޔާ މީހަކަށެވެ.

މި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުސައިން ޝިރުވާން ކުށްވެރިވެއްޖެ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 20 އަހަރު ދުވަހުގެ މުއްދަތަށް ޖަަލަށްލާން ހުކުމްކުރީ، އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، މީހަކު، އޭނާގެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފިނަމަ، އެ ކުރަނީ ކުށެއް ކަމަށެވެ. (ށ) ގައި ބުނަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.