މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރައަށް ކުރަމުންދާ އިރު، އަންނަ ބުދަ ދުވަހާ ހަމައަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ލަފާކުރެއެވެ.

ވިއްސާރައާ ގުޅިގެން މެޓް އޮފީހުން މިއަދު ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން އެ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށެވެ.

ވިއްސާރައާ ގުޅިގެން އެންމެ ބޮޑު ގެއްލުންތަކެއް ވެފައިވަނީ އައްޑޫ ސިޓީ ފޭދޫއަށެވެ. އެގޮތުން ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ، އޭގެ ތެރެއިން އެއް ގޭގައި ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވުމާ ގުޅިގެން އެގޭގައި ދިރިއުޅޭ މީހުން ވަނީ ވަގުތީ ހިޔާއަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވެސް މެދުނުކެނޑި ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން ފުވައްމުލަކަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

މި ދުވަސްވަރަކީ ސްކޫލުތަކުގެ މިޑް-ޓާމް ޗުއްޓީ ދުވަސްވަރު ކަމަށްވާ އިރު، މޫސުމަށް ބަލައިގެން ދަތުރުތައް ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.