ބްރިކްސްގެ ގައުމުތަކުން އިއްޔެ "ނިއުދިއްލީ ޑިކްލަރޭޝަން 2026" ފާސްކޮށްފިއެވެ. އިންޑިއާގައި ކުރިއަށްދާ 18 ވަނަ ބްރިކްސް ސަމިޓުގައި މި ޑިކްލަރޭޝަން ފާސްކުރީ، މެދުއިރުމަތީގެ މައްސަލަތަކާ ގުޅޭގޮތުން ޔޫއޭއީއާއި އީރާނުން ގެންގުޅުނު ހަރުކަށި ވިސްނުންތައް ދޫކޮށްލުމަށްފަހުގައެވެ.

ބްރިކްސްގެ ގައުމުތަކުން އެއްބަސްވެފައިވާ މި ޑިކްލަރޭޝަންގައި ބުނެފައިވަނީ، މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށާއި، އާންމުންނާއި އާންމު އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް ގޮވާލާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރަން ޖެހޭނީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ކަމަށްވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ވަކި ގައުމަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅުކަންވެސް މި ޑިކްލަރޭޝަންގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު، ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކޮށް، އެފަދަ އަމަލުތަކަށް ފުރުސަތު ނުދިނުމަށްވެސް ގައުމުތަކުން ވަނީ އެއްބަސްވެފައެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޑިކްލަރޭޝަން ފާސްކުރެވުނީ ޔޫއޭއީއާއި އީރާނުން ދޫދިނުމުންނެވެ. އެގޮތުން، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ޔޫއޭއީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ވާހަކަ ސީދާ ގޮތެއްގައި ޑިކްލަރޭޝަންގައި ހިމެނުމަށް ދެ ގައުމުން ކުރިން ކުރި ޑިމާންޑުތައް ވަނީ ދޫކޮށްލާފައެވެ. އޭގެ ބަދަލުގައި، ދެ ގައުމުން އެއްބަސްވީ އާންމު އުމްރާނީ ވަސީލަތްތަކާއި ނިއުކްލިއާ މަރުކަޒުތަކަށް ދޭ ހަމަލާތަކާމެދު ކަންބޮޑުވުން ފާޅުކުރުމަށް އެކަންޏެވެ.

މި ސަމިޓުގެ ހަވާސާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި ޔޫއޭއީގެ ވަލީއަހުދު ޝެއިހް ހާލިދު ބިން މުހައްމަދު ބިން ޒާއިދު އާލް ނަހްޔާން ވަނީ ބައްދަލުކުރައްވާފައެވެ.

އަބޫދާބީގެ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ސަރަހައްދީ ސުލްހައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ނަމަވެސް، މި ބައްދަލުވުމުން ނުކުތް ވަކި ނަތީޖާއެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިއީ ދެ ގައުމުގެ ގުޅުން ރަނގަޅުވުމުގެ ނިޝާނެއް ކަމަށް ބެލެވުނު ނަމަވެސް، މިއީ އަދި ކަށަވަރުވެފައިވާ ކަމެއް ނޫނެވެ.