މުޅިން އަލަށް ދިވެހި ޕްރިމިއާ ލީގުގައި ކުޅެމުންދާ ހއ. ދިއްދޫ ފުޓުބޯޅަ ޓީމުން މިރޭ 1-0 އިން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

މިއަހަރުގެ ޕްރިމިއާ ލީގުގައިވެސް 10 ޓީމަކުން ވާދަކުރާ އިރު، އޭގެ ތެރެއިން ދެ ޓީމަކީ އަތޮޅު ތެރޭގެ ދެޓީމެވެ. އެއީ މިދިޔަ ސީޒަނުގެ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދުއެވެ. އެ ދެ ރަށުގެ ހޯމް މެޗުތައް އެ ރަށުގައި ކުޅެން އެފްއޭއެމްއިން ނިންމާފައިވާ އިރު، މިރޭގެ މެޗަކީ ދިއްދޫން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ކުރިން ދިއްދޫގެ ކޯޗު މޫސާ އިބްރާހިމް (މުސްތަޓޭ) ބުނީ ޓާގެޓަކީ ގަދަ ހަތަރެއް ކަމަށާއި، ސަޕްރައިޒިން ނަތީޖާތަކެއް ދިއްދޫން ފެންނާނެ ކަމަށެވެ. އެކަން މިރޭގެ މެޗުންވެސް ދިއްދޫން ސާބިތުކޮށްދީފިއެވެ. މިދިޔަ އަހަރު ވަރުގަދަކޮށް ފެނުނު ބުރާ ދެކޮޅަށް އެޓީމުން ކުޅުނު މެޗު ވެގެން ދިޔައީ ޝައުގުވެރި، ހަމަލާތައް ގިނަ މެޗަކަށެވެ. މެޗުގެ ބޮޑު ބައެއް ބޯ ވާރޭގައި ކުޅުނު އިރު، ދިއްދޫ ވަނީ ފުރިހަމަ ނަތީޖާއެއް ހޯދައިފައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ބުރުން ނުރައްކާކުރި އިރު، އަރީން އަބްދުﷲ އިބްރާހީމާއި އަބްދުﷲ ޔާމީނަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެހެން ނަމަވެސް އެ ހަމަލާތަކުގެ ބޭނުން ނުހިފި، މެޗުގެ 23 ވަނަ މިނެޓުގައި ދިއްދޫން ލީޑު ނެގިއެވެ. ހާފުގެ މެދަށްވުރެ ތަންކޮޅެއް އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމުގައި އެ ގޯލް ޖަހައިދިނީ ޓެޓޭ ގިޑިއޯންއެވެ. ހިތްގައިމު ހިލޭ ޖެހުމުން ގޯލް ޖެހުމާއެކު މެޗުގެ އޮއިވަރު ބަދަލުވެ، ދިއްދޫން ރަނގަޅަށް ކުޅެގަތެވެ.

ނަތީޖާއެއްގެ ގޮތުން އޭގެފަހުންވެސް ދިއްދޫން ނުރައްކާ ކުރި އިރު، ޓެޓޭ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އަދި ބުރުގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައިގެން ޔޫސިފް އައްފުލް ފޮނުވާލި ބާރު ހަމަލާ މަތަކުރީ ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހީމެވެ. ކަޕް ވިނާސް ކަޕްގައިވެސް ކުޅުނު ބުރު ކޮޅަށް ދިއްދޫން ޕްރެޝަރު ކޮށްލި އިރު، އަނެއްކޮޅުން 36 ވަނަ މިނެޓުގައި ބުރަށް ފުލުފުލުގައި ހުސް ދެ ފުރުސަތު ލިބި ބޭކާރުވިއެވެ.

ކުރިއަށް ދުއްވާލި ބޯޅައަކަށް މުހައްމަދު ނައިސަމް ނަދީމް މަސައްކަތްކޮށް ޖައްސާލި ބޯޅައިގައި ކީޕަރުވެސް ބީޓްވެފައި އޮއްވައި، ޖުއާން އެޑުއާޑޯ ލެސްކާނޯ ދެ ފަހަރު މަތިން ފޮނުވާލި ބޯޅަތައްވެސް މަތަކުރީ ދިއްދޫގެ ޑިފެންޑަރު ކަވޫ ކޮޓަޑާއީއެވެ. އަދި އަލީ ހަމްދާން ފުރަތަމަ ހާފުގައި ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ދެވަނަ ހާފުގައި ދެކޮޅަށްވެސް ހަމަލާތައް އުފެއްދިއެވެ. ހާފު ފެނުނީ އޯޕަން ހާފެއްގެ ގޮތުގައެވެ. ހާފުގެ ކުރީކޮޅުގައި ދިއްދޫގެ އައްފުލް ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވި އިރު، އޭގެފަހުން އޭނާއަށް ލިބުނު ހުސް ދެ ފުރުސަތުގައި ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރު އަލީފެވެ. އަނެއްކޮޅުން ބުރުގެ ޔާމިންގެ ނުރައްކާތެރި ހިލޭ ޖެހުމެއްގެ އިތުރުން އަރީން ފޮނުވާލި ބާރުހަމަލާތައްވެސް މަތަކުރީ ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާނެވެ.

އޭގެފަހުން ބަދަލެއްގެ ގޮތުގައި ނުކުތް ދިއްދޫގެ މުހައްމަދު ތަޝްނީމް (ތައްތި)އަށް މުޅިން ހުސް ފުރުސަތެއް ލިބި ފޮނުވާލި ބޯޅަވެސް ކީޕަރު މަތަކުރި އިރު، ޓެޓޭ އަރިމަތިން ގޮސް ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރު އަލީފެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ބުރުގެ ޝަންވީލް މުހައްމަދު (ބޮންޑާ)އަށް ސީދާ ރަތް ކާޑެއް ދައްކާފައިވެއެވެ. އެއީ ދިއްދުއަށް ބަދަލަކަށް ނުކުތް ހުސެން ޒިމްޔާން، އޭނާ ކައިރިން ނައްޓާލާފައި ދިޔުމުގެ ތެރޭގައި ކުރި ފައުލަކަަށެވެ. އެ ފައުލް ބޮންޑާ ކުރި އެންމެ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެގެންނެވެ.

ފަހުކޮޅުގައިވެސް ފޯރިގަދަކޮށް ފެނިގެން ދިޔަ މެޗުގެ ފަހު ކަށިގަނޑާ ހަމައަށްވެސް ދިއްދޫން ހިތްވަރުކޮށް، ތާރީހީ ކާމިޔާބީއެއް ހޯދިއެވެ.