ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް، ރާއްޖެ އިސްލާމްކުރެއްވި ފުރަތަމަ ރަސްގެފާނު ކަމަށްވާ ސުލްތާން މުހައްމަދު ބިން އަބްދުﷲ ގެ ނަންފުޅާ ގުޅުވައިގެން ނަން ދިނުމަށް ނިންމައިފިއެވެ.
"ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" ގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން މާދަމާ ހަވީރު ބާއްވާ ރަސްމިއްޔާތެއްގައެވެ. އެ މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން މިއަދު ވަނީ ސައުދީ އަރަބިއްޔާގެ އަލް ރާޖީ ކުންފުންޏާ ހަވާލުކޮށްފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ބިނާކުރާ އެ މިސްކިތުގެ ނަން ހާއްސަކޮށްފައިވާ ސުލްތާން މުހައްމަދު ބިން އަބްދުﷲ (ދޮވެމި ކަލަމިންޖާ) އަކީ ރާއްޖޭގެ ފުރަތަމަ މުސްލިމް ރަސްގެފާނެވެ. އެ މަނިކުފާނަކީ ރާއްޖެ އިސްލާމްވި ދުވަސްވަރު ރަސްކަމުގައި ހުންނެވި، އަދި ބުދުދީން ދޫކޮށް އިސްލާމްދީން ގަބޫލުކުރެއްވި ރަދުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި މަޝްރޫއު އިން އިސްލާމީ ސަގާފީ މަރުކަޒުގެ ސަބަބުން، ރާއްޖެއަށް އިސްލާމްދީން އައި ގޮތުގެ ތާރީހާއި، ފާއިތުވި 900 އަހަރުގެ ތެރޭގައި އިސްލާމްދީނަށް ހިދުމަތްކުރެއްވި އިލްމުވެރިންނާއި ރަސްކަލުންގެ ހިދުމަތްތައް އާންމުންނަށް ދައްކުވައިދޭނެއެވެ. އަދި މިއީ ހަމައެކަނި އަޅުކަންކުރާ ތަނެއްގެ ބަދަލުގައި، ރާއްޖޭގެ އިސްލާމީ ތާރީހު ދައްކުވައިދޭ ސަގާފީ އަދި ފަތުރުވެރިކަމުގެ މަންޒިލަކަށް ވެގެންދާނެ ކަމަށާއި، މިއީ ދިވެހިންގެ ކިބައިގައި ހުރި ތަހައްމަލުކުރުމާއި، ސުލްހަވެރިކަމާއި، އަމާންކަމުގެ ސިފަތައް ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ބިނާކުރާ މައި މިސްކިތުގައި އެއްފަހަރާ 10،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެއެވެ. މިސްކިތުގެ އިތުރުން، ތައުލީމީ އަދި ސަގާފީ މަރުކަޒަކާއި، އިމާމުންނާއި އިދާރީ މުވައްޒަފުންގެ އޮފީސްތަކާއި، އިސްލާމީ ކުތުބުހާނާއެއްގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ ދާރުލްއާސާރެއް މި ތަނުގައި ހުންނާނެއެވެ. މީގެ އިތުރުން، މަލްޓިޕާޕަސް ހޯލަކާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ސަރަހައްދަކާއި، ފޮތް ވިއްކާ ފިހާރައަކާއި، ހަދިޔާ ވިއްކާ ފިހާރައެއްގެ އިތުރުން މައުރަޒު ބާއްވާނެ ހޯލެއް ވެސް މި މަރުކަޒުގައި ހިމެނެއެވެ.
މިސްކިތާއި ވަގުފު މަޝްރޫއުތަކަށް ފައިސާ ހަމަޖައްސައިދީފައިވަނީ އަލް ރާޖީ ކުންފުނިންނެވެ. މި މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އިސްލާމީ ކަންކަމަށް ހަރަދުކުރުމަށް ހާއްސަ ވަގުފުތަކެއް ވެސް މިސްކިތުގެ ކޮމްޕްލެކްސްގައި ހިމެނޭނެއެވެ.
މިނިސްޓަރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފައެވެ. މި މަޝްރޫއަކީ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިއުލާންކުރެއްވި މަޝްރޫއެކެވެ. މީގެ އިތުރުން، މި މަސައްކަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެދިން އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތް ބިނާކޮށް ނިންމުމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް