އިނގިރޭސި ޕްރިިމިއާ ލީގުގައި މިރޭ ޗެލްސީއާއި ލިވަޕޫލުން ކުޅުނު މެޗުތަކުންވެސް އެއްވަރުވެއްޖެއެވެ.

މިދިޔަ ހަފުތާ އާސެނަލް ކައިރިން ބަލިވި ޗެލްސީން މިރޭ އަމިއްލަ ދަނޑުގައި ހަލް ސިޓީ ކައިރިން އެއްވަރުވީ 2-2 އިންނެވެ. ހަލް ސިޓީން އަލުން ޕްރިމިއާ ލީގަށް ނުކުމެ، މިހާތަނަށް ވަނީ ރަނގަޅު ފޯމެއް ދަމަހައްޓައިފައެވެ. އެގޮތުން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. ދެމެޗުން މޮޅުވެ، އަނެއް ދެމެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

ލިވަޕޫލުން އަނެއްކާވެސް އެއްވަރުވި އިރު، މިރޭ ފުލަމް ކައިރިން އެއްވަރުވީ 0-0 އިންނެވެ. މިއީ މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ލިވަޕޫލުން އެއްވަރުވި ތިންވަނަ މެޗެވެ.

މިރޭގެ މެޗުވެސް ޗެލްސީން ފެށީ ވަރުގަދަކޮށެވެ. މޯގަން ރޮޖާސް ހަނިކަނުން ފޮނުވާލި ހަމަލާ ގޯލް ތެރެއަށް އަމާޒުކޮށްލައިގެން އެޓީމުން ހަތްވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލާއެކު ޗެލްސީން ހަމަޖެހިލަން މަސައްކަތްކުރި އިރު، އިތުރު ފުރުސަތުތައް ތަނަވަސްކުރިއެވެ. އެގޮތުން ޕެޑްރޯ ނެޓޯއާއި ޖޮއާއޯ ޕެޑްރޯއަށް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

އަނެއްކާވެސް މިރޭގެ މެޗުގައިވެސް ޗެލްސީއަށް ދިމާވީ ޑިފެންސިވް މައްސަލަތެކެވެ. ހަލްއިން 28 ވަނަ މިނެޓުގައި އެއްވަރުކޮށް، 34 ވަނަ މިނެޓުގައި ނަތީޖާ އަނބުރާލިއެވެ. އެ ދެގޯލްވެސް ޖަހައިދިނީ މުހައްމަދު ބެލޯމީއެވެ.

ހަލްއިން ފަހުން ކައުންޓާތަކުގައި ޗެލްސީއަށް ނުރައްކާ ކުރި ނަމަވެސް ދެވަނަ ހާފުގައި ބޮޑަށް ފެނުނީ ޗެލްސީގެ އެޓޭކްތަކެވެ. ކޯލް ޕާމާއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، ޗެލްސީއަށް އެއްވަރުކުރެވުނީ 66 ވަނަ މިނެޓުގައެވެ. އެ ގޯލް ޖަހައިދިނީ ޕާމާގެ ހުރަހަކުން ޖޮއާއޯ ޕެޑްރޯއެވެ.

އޭގެފަހުން މެޗު ނިމެން ދަނިކޮށް ރޮޖާސްއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، ހަލްގެ ނުރައްކާތެރި ދެ ހަމަލާއެއް ޗެލްސީ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ.

ލިވަޕޫލުން ކުޅުނު މެޗުގައި ފްރާންސް ތަރި ބްރެޑްލީ ބާކޯލާ ފުރަތަމަ 11 އަށް ނެރެފައިވާ އިރު، އޭނާގެ ހުރަސް އެލެކްސެންޑާ އިސާކަށް ގޯލަށް ވައްދާލެވޭ ގޮތެއް ނުވިއެވެ. ކުރީކޮޅުގައި އެ ހަމަލާއާއެކު ލިވަޕޫލުން ރަނގަޅަށް ފެށި ނަމަވެސް، އެޓީމުގެ ފަރާތުން އަނެއްކޮޅުން ގޯސްތައް ފެނުނެވެ.

އެލިސަން ބެކާ ރަޔަން ގްރަވެންބާޗަށް ދިން ބޯޅަ ހޯދައިގެން ޖޯޝް ކިންގް ނުރައްކާ ކުރި އިރު، އެ ހަމަލާގެ ތެރެއިން ގޮންޒާލޯ ގާސިއާ ފޮނުވާލި ބޯޅަ ރޮނގުމަތިން މަތަކުރީ ޖެރެމީ ޖެކެޓެވެ. އޭގެފަހުން އެންޓޮނީ ރޮބިންސަން ފޮނުވާލި ހަމަލާ ބޭރަށް ދިޔަ އިރު، ދެވަނަ ހާފުގައިވެސް ބޮޑަށް ނުރައްކާކުރީ ފުލަމްއެވެ.

ކެލްވިން ބައްސޭ ބޮލުން ފޮނުވާލި ބޯޅައިގައިވެސް ނުރައްކާކުރި އިރު، ކިންގްގެ ބާރު ހަމަލާއެއްވެސް މަތަކުރީ އެލިސަންއެވެ. ފަހުކޮޅުގައި ލިވަޕޫލުންވެސް ގޯލަކަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.