މުޅިން އަލަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބުން ހައިރާންކަން ގެނުވާނެ ނަތީޖާތަކެއް ނެރޭނެ ކަމަށް ކޯޗު މޫސާ އިބްރާހިމް (މުސްތަޓޭ) ބުނެފިއެވެ.

ފުޓުބޯޅަ އޮނިގަނޑަށް ގެނައި ބަދަލާއެކު މިފަހަރު އަތޮޅު ތެރެއިން ސައުތު ލީގުގެ ޗެމްޕިއަން ގައްދުއާއި ނޯތު ލީގު ޗެމްޕިއަން ދިއްދޫ، ކޮލިފިކޭޝަނަށްފަހު ވަނީ ޕްރިމިއާ ލީގަށް ކޮލިފައިވެއެވެ. ދިއްދޫން ފުރަތަމަ މެޗުގައި މިރޭ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ އިރު، އިއްޔެގެ ޕްރި މެޗު ޕްރެސްގައި ކޯޗު މުސްތަޓޭ ބުނީ ޓީމަށް އިތުބާރު އެބައޮތް ކަމަށާއި، ތަފާތު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

"ގަބޫލުރަން ދެން މިއޮތީވެސް އުނދަގޫ މަސައްކަތެއް. ރާއްޖޭގެ އެންމެ ތާރީހީ ކްލަބްތަކާއެކު މި ވާދަކުރަނީ. އަޅުގަނޑު ދެރަވޭ ކްލަބް ވެލެންސިއާ މިތާ (ޕްރިމިއާ ލީގުގައި) ނެތީމަ،. ޗައިލްޑްހުޑް ކްލަބް އެއީ. ވަރަށް ބޭނުންވޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނަން ޕްރިމިއާ ލީގުގައި. އެއީ ޑްރީމެއް، ހަގީގަތުގައި ޓީމަށް ފުރިހަމަ އިތުބާރު ކޯޗެއްގެ ހައިސިއްޔަތުން އެބައޮތް. އިމްޕްރޫވްވަމުން އައި ލެވަލްއަށް ބަލާފައި ބިދޭސީ ކުޅުންތެރިން ވޭތުވެދިޔަ ރީޖަން ލީގާއި ކޮލިފިކޭޝަންގައި ދެއްކި ޕާފޯމަންސަށް ބަލާފައި، ޓީމަށް ގެންނަން ޖެހުނު ބަދަލުތައް ވާނީ ގެނެސްފައި. ހާއްސަކޮށް ބިދޭސީ އާ ކުޅުންތެރިން ވާނީ ގެނެސްފައި. އެންމެ ކުޅުންތެރިއެއް ފިޔަވަައި. އަޅުގަނޑުގެ އެންމެ ފުރަތަމަ ޓާގެޓަކީ ލީގުގައި ދެމި އޮތުން. އެކަމަކު ދިއްދޫ ފުޓްބޯލް ކްލަބުން ތަފާތު ނަތީޖާތަކެއް ނެރޭނެ،" މުސްތަޓޭ ބުންޏެވެ.

މުސްތައްޓޭ ފާހަގަކުރީ ދިވެހި ފުޓުބޯޅަ މި އަންނަނީ ބަދަލުވަމުން ކަމަށާއި، މި ބަދަލުގެ ތެރެއިން އުތުރުގެ ޗެމްޕިއަނުންގެ ގޮތުގައި ދިއްދޫ ފުރަތަމަ ޑިވިޝަނަށް ނުކުތުން އެއީ ހީކުރާ ވަރަށްވުރެވެސް ބުރަ މަސައްކަތެއް ކަމަށެވެ. އެތައް ގުރުބާނީއެއްވެސް އެކަމުގައި ވެފައިވާ ކަމަށް މުސްތަޓޭ ބުންޏެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާއަކީ ހުވަފެނެއް ކަމަށް ބުންޏެވެ.

"އެންމެ ފުރަތަމަވެސް އަލްހަމްދުﷲ. މިއީ އަޅުގަނޑުގެ ވަރަށް ދުވަސްވީ އުންމީދެއް މި ހާސިލްވަނީ. މި ގޮނޑިއަށް މިގޮތަށް އައުން. އަޅުގަނޑު ކުރިން ދެ ފަހަރެއްގެ މަތިން ދެވަނަ ޑިވިޝަނުގައި ކުޅެން މަސައްކަތް ކޮށް، އެކިއެކި އުނދަގޫތަކާ ހެދި އެކަމެއް ނުވި. ދެން ފަހުން ކޯޗެއްގެ ގޮތުގައި އެ ފުރުސަތަށް އިންތިޒާރުކުރީ. މިފަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިތިބަ ފަހުރުވެރި ކޯޗުންނާއެކު މަސައްކަތް ކުރަން ލިބުމަކީ ބޮޑު ފަހުރެއް،" އޭނާ ބުންޏެވެ.

ކޯޗު މުސްތަޓޭ ބުނީ މެދުކެނޑުމެއްނެތި ޓީމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށާއި، އެންމެ ޒަމާނީ ވިސްނުންތަކާއެކު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ބުރު ސްޕޯޓްސް ކްލަބަށް އިހުތިރާމާއެކުވެސް ބުނަން ބޭނުން ވަނީ އެ ޓީމާ ފުރަތަމަ މެޗު ކުޅެން ޖެހުމަކީ ރަނގަޅެއް ކަމަށެވެ.

ދިއްދޫ ޓީމުގައި ތިބި ކުޅުންތެރިން އެކިއެކި ވަޒީފާތަކުގައި މަސައްކަތް ކުރަމުންވެސް މެޗުތަކަށް ދާކަން ފާހަގަކޮށް ކޯޗު މުސްތަޓޭ ބުނީ މި ދަތުރުގައި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެ ސަޕޯޓް ދިނުން މުހިއްމު ކަމަށެވެ. މުސްތަޓޭ ބުނީ ދިއްދޫން ގަދަ ހަތަރެއްގައި އޮތުމަކީ އޭނާގެ އުންމީދެއް ކަމަށާއި، އެކަން އިރާދަކުރެއްވިއްޔާ ހާސިލުވާނެ ކަމަށެވެ.

ނ. ހޮޅުދުއަށް ނިސްބަތްވާ ފުޓުބޯޅައިގެ ގިނަ ހިދުމަތްތަކެއް ކޮށްފައިވާ މުސްތަޓޭއަކީ އޭއެފްސީ ބީ ލައިސަންސް ކޯޗެކެވެ. އޭނާ ބުނީ ފުރަތަމަ ދިއްދުއަށް ދިޔައީ 2021 ވަނަ އަހަރު ކައުންސިލް މުބާރާތަކަށް ކަމަށާއި، ދެވުނު ހިސާބުން ވެސް އެ ރަށުގެ ފުޓްބޯޅައިގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދުނު ކަމަށެވެ. އަދި މިހާރު ދިވެހި ޕްރިމިއާ ލީގުގައި އޮތް ޓީމަކީ އޭރުން ފެށިގެން އުފެދިގެން އައި ޓީމެއް ކަމަށާއި، މިހާރު އޮތް ޓީމަށް ހަ އަހަރެއްހާ ދުވަހު މަސައްކަތް ކުރެވުނު ކަމަށްވެސް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގައި ދިއްދުއާއި ބިސް ބުރު ކުޅޭ މެޗު ފަށާނީ މިރޭ 9:00 ގައެވެ.