ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ސ. ގަމަށް ކަމަށް ރެކޯޑުތަކުން ދައްކައިފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ސ. ގަމަށް 183 މިލިމީޓަރުގެ ވާރޭވެހުނެވެ.

ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް އެ އިދާރާގެ ރެކޯޑްތަކުން ދައްކަނީ ތިނަދޫ ސިޓީއަށެވެ. އެއީ 87.6 މިލިމީޓަރުގެ ވާރޭއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ހުޅުލެއަށް ވެހިފައިވަނީ 86.4 މިލިމީޓަރުގެ ވާރޭއެވެ.

މެޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިތަ 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވަނީ ރ. އިފުރަށެވެ. އެއީ 1.5 މިލިމީޓަރުގެ ވާރޭއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުން އެކަށީގެންވެއެވެ. އަދި ކަނޑުތަށް ގަދަވާނެކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަތް ފޫޓާ ދެމެދަށެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.