ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ އަށްވަން އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަދު ފަށައިފިއެވެ.

ޝަހީދު އަލީ ސްކޫލުގައި ކުރިއަށްގެންދާ ޓީޗާސް ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ކުރިއަށްދިޔަ އިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޮންފަރެންސަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މަގުސަދަކީ ޓީޗަރުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި ތައުލީމީ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

ޖުމުލަ 300 އަށްވުރެ ގިނަ ފަރާތްތަކުން ރަޖިސްޓަރީކޮށްފައިވާ މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ ފަރާތަކުން ޕްރެޒެންޓޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ކެމްބްރިޖު ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓުގެ ސައުތު އޭޝިއާގެ މެނޭޖިން ޑިރެކްޓަރު، އަރުން ރާޖަމަނީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ މި ކޮންފަރެންސްގައި ކީ ނޯޓު ސްޕީޗެއް ދެއްވާނެއެވެ.

މި ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ކުއްޖާއަށް ހަގީގީ ބަދަލު ގެންނަ ފަރާތަކީ ޓީޗަރުން ކަމަށާއި ކުއްޖާގެ ބެލެނިވެރިންނާއި މައިންބަފައިންނާ ގުޅިގެން ކުއްޖާއަށް ތަފާތު ކަމެއް ގެނައުމުގެ މޭސްތިރިޔަކީ ހަގީގަތުގައިވެސް ޓީޗަރުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކުދިންގެ އެޓެއިންމެންޓު މިހާރަށްވުރެ ރަނގަޅުވާން އެބަޖެހޭ. އެކަމަށް ގެންނަންޖެހޭ ބަދަލުތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިދަނީ ގެންނަމުން. އެހީތެރިކަން މިދަނީ ފޯރުކޮށްލަދެމުން. ކޮންޓެންޓަށް ގެންނަންޖެހޭ ބަދަލުތައްވެސް އިރާދަކުރެއްވިއްޔާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ތެރެއިން މި ގެންނަމުން މިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކީ ސްޓޭޖު އެކެއްގެ ފޮތްތަކަށް އަންނަ އަހަރު ބަދަލުތަކެއް އަންނާނެ ކަމަށާއި ނަމަވެސް ފޮތްތައް ބަދަލުކުރެވުނަސް ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުން ކުރާ މަސައްކަތުން ކަމަށެވެ.