ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ވިކްޓްރީން ޓީސީ ބަލިކުރީ 5-1 އިންނެވެ. މިރޭގެ މެޗަކީ ވިކްޓްރީ އަދި ޓީސީންވެސް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ.
މުހައްމަދު ޝިޔާޒް (މޯހަން) ގެ ކޯޗުކަމުގެ ދަށުގައި މި ސީޒަނަށް ވިކްޓްރީ ނުކުތީ ވަރުގަދައަށް ތައްޔާރުވެގެންނެވެ. ގިނަ ޓްރާންސްފާތަކަކާއެކު މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމަކީ ވިކްޓްރީއެވެ. އެޓީމުން ސްރީ ލަންކާގައި ޕްރި ސީޒަން ކޭމްޕެއްވެސް ކޮށްފައިވާ އިރު، އެގައުމުގެ ބައެއް ޓީމުތަކާ އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެފައިވެއެވެ.
އަނެއްކޮޅުން ޓީސީން މި ސީޒަނަށް ނުކުތީ އުނދަގޫ ހާލަތެއްގައި މިދިޔަ ސީޒަން ނިންމާލުމަށްފަހުއެވެ. އެޓީމުން ޕްރިމިއާ ލީގުގައި ދެމިއޮތުމަށް ކޮލިފިކޭޝަންގައި ކުޅެން ޖެހުނު އިރު، ކޯޗު މުހައްމަދު އާތިފް (އާތީ) އާއެކު އެޓީމުން ވަނީ އެ ޓާގެޓް ހާސިލުކޮށްފައެވެ. މެޗުގެ ކުރިން އާތީ ބުނީ ކްލަބަށް އަދިވެސް ޗެލެންޖްތަކެއް ހުރި ކަމަށެވެ.
ވިކްޓްރީން ވަނީ މެޗުގެ ތިންވަނަ މިނިޓްގައި ލީޑު ނަގައިފައެވެ. ޕެނަލްޓީ އަކުން އުޒްބެކިސްތާންގެ މިޑްފީލްޑަރު، މިރްޖަލޯލް ކަސިމޯވް ޖެހި ގޯލާއެކު އެޓީމުން ލީޑު ނެގި އިރު، އެޕެނަލްޓީ އަކީ ޓީސީގެ ނައިޖީރިއާ ކީޕަރު އެމަނުއަލް އެޔީބޯ، އޭރިއާތެރެއިން ވިކްޓަރީގެ ހުސެއިން ޝަރީފަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އެ ގޯލާއެކު ވިކްޓްރީ ލީޑު ނެގި ނަމަވެސް، ޓީސީން ވަނީ މެޗުގެ 10 ވަނަ މިނިޓްގައި ގޯލް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ކޯނަރެއްގައި މާޔިޒް ވަހީދު ބޮލުން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، ވިކްޓަރީން ދެވަނަ ގޯލް ޖެހީ 65 ވަނަ މިނިޓުގައެވެ. މިރްޖަލޯލް އަރިމަތިން ހިލޭޖެހުމަކުން ނެގި ބޯޅައަކުން އެ ގޯލް ޖަހަައިދިނީ އަހުމަދު ރިޒްވާން (ރިޒޭ) ފޮނުވާލި ބޯޅައަކުންނެވެ. އޭގެ އިރުކޮޅެއްފަހުން ރިޒޭގެ ދެވަނަ ގޯލާއެކު ވިކްޓްރީން ލީޑު އިތުރަށް ފުޅާކުރި އިރު، އެ ގޯލް ރިޒޭ ޖެހީ ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ)ގެ ހުރަހެއް ކީޕަރު އެމަނުއަލް އަތުގައި ޖެހިފައި ނުކުތް ވަގުތު ފައިދާ ނަގައިގެންނެވެ.
ވިކްޓަރީން މެޗުގެ 85 ވަނަ މިނިޓްގައި ހަަތަރު ވަނަ ގޯލް ޖެހީ ޕެނަލްޓީ އަކުންނެވެ. އެ ގޯލްވެސް ރިޒޭ ޖަހައި، އޭނާ ހެޓްރިކް ފުރިހަމަ ކުރިއެވެ. އެއީ ޓީސީގެ ޑިފެންޑަރު ހަސަން އީނާޒް، އެ ޓީމުގެ އޭރިއާތެރެއިން، ވިކްޓަރީގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ވިކްޓްރީގެ ފަސްވަނަ ގޯލް ޖެހީ އަލްހާޖީ ގޭރޯއެވެ.
ލީގުގައި މާދަމާ ހަވީރު ދިއްދުއާއި ނިއު ރޭޑިއަންޓް ވާދަކުރާ މެޗު ދިއްދޫގައި ކުޅެން އޮތް އިރު، އެމެޗަކީ މިއަދު ވިއްސާރައިގެ ސަބަބުން ފަސްކުރި މެޗެވެ. މާދަމާ ރޭ ބުރު ސްޕޯޓްސް ކްލަބުން ނުކުންނާނީ ދިއްދުއާ ދެކޮޅަށެވެ. އަދި މާދަމާ ހަވީރު މާލޭގައި އީގަލްސްއާއި ބިސް ބުރު ވާދަކުރާނެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް