އައްޑޫ ސިޓީ ފޭދޫ އަވަށުގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ.

އެ ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ފޭދޫގައި ފެންބޮޑުވުމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން ޖުމްލަ އަށް މީހުން ދިރިއުޅޭ ގެއަކަށް ފެންވަދެ ދިރިނޫޅެވޭ ހާލަތަށް ވަނީ ގޮސްފައިކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އަދި އައްޑޫ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.