އާ ސީޒަނަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބަށް ޗެލެންޖްތަކެއް އެބަހުރި ކަމަށް ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

މިދިޔަ ސީޒަނުގައި އާތީ ޓީސީއާ ފުރަތަމަ ހަވާލުވިއިރު ޓީސީ އޮތީ އޮޓޮމެޓިކް ރެލިގޭޝަންގައެވެ. އެހިސާބުން ކޮލިފިކޭޝަނާ ހަމައަށް ގެންގޮސް، ކޮލިފިކޭޝަނުން އަތޮޅު ތެރޭގެ ޗެމްޕިއަން ޓީމުތަކުގައި ކުޅެ ޕްރިމިއާ ލީގުގައި ދެމި އޮތުމަކީ އަސްލު ކާމިޔާބީއެއް ކަމަށް އޭނާ ފުރަތަމަވެސް ފާހަގަކުރިއެވެ. އެހެން ނަމަވެސް އޭގެފަހުން އާތީ ބުނީ "ދެން އޮތީ އެ ކާމިޔާބީ ދެމެހެއްޓުން. އެއީ އުނދަގޫ ކަމެއް،" ކަމަށެވެ.

" މިހާރު މިއޮތީ އެހެން ޓީސީއެއް، އެ ނަން އޮތަކަސް މިއީ މުޅިން އެހެން ޓީމެއް. ކުޅުންތެރިން ބަދަލުވެގެން އެހެން މަރުހަލާއެއްގައި މިއޮތީ. އަލުން ޓީމެއް ބިނާކުރުމުގެ މަސައްކަތް ކުރަން ޖެހިފައި މިއޮތީ،" އާތީ ބުންޏެވެ.

"ކޯޗުގެ ޓާގެޓަކީ ގަދަ ހަތަރެއް ހިސާބުގައި ދެމެހެއްޓޭތޯ ބެލުން. އެހެންނަމަވެސް މި ސީޒަނަށް ތައްޔާރުވެގެން އައިއިރު، ނިއު ރޭޑިއަންޓާއި މާޒިޔާގެ އިތުރުން އޮޑިއާއި ވިކްޓްރީވެސް މި ފެންނަނީ ވަރަށް ވަރުގަދަކޮށް. ގެންގޮސްފައިވާ ކުޅުންތެރިންނަށް ބަލާއިރުވެސް އެ ތަފާތު އެބަ ފެނޭ. ކޮންމެ ގޮތެއްވިޔަސް ޕްރިޕަރޭޝަންތަކުގައި ކްލަބުގެ މާލީ ހާލަތު ވަރަށް ބޮޑަށް ތަފާތު. ކުޅުންތެރިން ހޯދައިގެން ވަރުގަދަ މުސާރަތައް ދޭން ފައިސާ ހުރުމުން އެބަ ތަފާތުވޭ. ދެން އެއަށްފަހު ރަނގަޅު ކޭމްޕެއް ދިޔުން މިއޮންނަނީ، އެހިސާބުންވެސް އެބަ ތަފާތުވޭ. އެހެންވީމަ ތައްޔާރީތަކުގައި ތަފާތުތަކެއް އޮންނާނެ،" އާތީ ޓީސީއަށް ހުރި ޗެލެންޖްތަކުގެ ވާހަކަ ފާހަގަކުރަމުން ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

މިރޭ ޓީސީން ނުކުންނާނީ އެންމެ ވަރުގަދަ އެއް ޓީމު، ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އާތީ ބުނީ ތައްޔާރީތަކަށް ބަލާއިރު ޓީސީއާ އިދިކޮޅަށް ނުކުންނަ ވިކްޓްރީ ސްޕޯޓްސް ކްލަބު މިހާރު އޮތީ މާބޮޑަށްވެސް ތަފާތު ޓީމެއް ކަމަށެވެ. ހުރިހާ ގޮތަކުން ބެލިޔަސް މިދިޔަ ސީޒަނަށްވުރެވެސް ވިކްޓްރީ ރަނގަޅު ކަމަށާއި، ނަތީޖާއަށް ނެރެން ޗެލެންޖްތަކެއް އޮންނާނެ ކަމަށް ކޯޗު އާތީ ބުންޏެވެ.

ކޯޗު އާތީ ފާހަގަކުރީ ޕްރިމިއާ ލިގުގައި ތިބި ދިވެހި ކޯޗުންނއި ބިދޭސީ ކޯޗުންނަކީވެސް ތަަޖުރިބާކާރުންގެ ގޮތުގައި ގަބޫލުކުރާ ކަމަށާއި މެޗުތަކަށް ކުރިމަތިލާ އިރު، ޕްރެޝަރު ހާލަތްތަކާ ކުރިމަތިލުމުގެ ހުންނަން ޖެހޭ ގާބިލުކަން ހުންނާނެ ކަމަށެވެ. އަދި އާތީ ދެކޭ ގޮތުގައި ހަރަދު ކޮށްގެން، ނޫނީ ހޯމް އެންޑް އަވޭ ކުޅޭތީ އެ އަންނަ ޕްރެޝަރު އަދި ކުޑަވާނެއެވެ.

"މި ބުނާ ހޯމް ނޫނީ އަވޭއާއި ހަރަދުކުރުމާ، އެ އެޑްވާންޓޭޖްތަކާއި މިޕްރެޝަރު އެހާވަރަށް އަންނަވަރަށް އަހަރެމެން ޕްލޭޔަރުން އަދި ޕްރޯއެއް ނޫން ކަންނޭނގެ. އެއަށްވުރެން ސެމީ ޕްރޯކޮށް ކަންނޭނގެ އަހަރެމެން އަދި މިއުޅެނީ،" އާތީ ބުންޏެވެ.

މިރޭ ޓީސީ ކުޅޭ މެޗުގައި ވިކްޓްރީއާ ދެކޮޅަށް ގައުމީ ދަނޑުގައި ނުކުންނާނީ 9:00 ގައެވެ.