ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރާ ގދ. ގައްދޫން މިފަހަރު ނުކުންނާނީ ތަށްޓަށް ނޫން ކަމަށާއި، އެޓީމުގެ ޓާގެޓަކީ ފުރަތަމަ ޑިވިޝަނުން ރެލިގޭޓް ނުވުން ކަމަށް ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ.

އަލަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫން މިއަދު ނުކުންނަން ޖެހޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ގައްދޫ ޕްރިމިއާ ލީގަށް ކޮލިފައިވީ ފުޓުބޯޅަ އޮނިގަނޑަށް ގެނައި ބަދަލާއެކު ސައުތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަން މުބާރާތުގައިވެސް ކުޅެގެންނެވެ. މިއަދު ނިއު ރޭޑިއަންޓާއި ގައްދޫ ވާދަކުރާ މެޗު އޮންނާނީ ގައްދޫ ދަނޑުގައެވެ. މިއީ ދިވެހި ޕްރިމިއާ ލީގު މެޗެއް މާލޭން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

"އުންމީދު ކުރަނީ ރަނގަޅު ނަތީޖާއަކަށް. އެކަމަކު މި ދައްކަނީ މުޅިން ދެ ލެވެލްއެއްގެ ދެޓީމު ވާހަކަ. އަޅުގަނޑު ކެރިއަރުގައި ވަރަށް މުހިއްމު ދެޓީމު ވިކްޓްރީއާއި ނިއު ރޭޑިއަންޓަކީ، އެހެންވީމަ އޭގެން ޓީމެއް އަތުން ޕޮއިންޓެއް ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބީއަކަށްވާނެ. ދެން މި ދައްކަނީ ރާއްޖޭގެ އެންމެ ވަރުގަދަ ތިން ޓީމުގެ ތެރެއިން އެއް ޓީމުގެ ވާހަކަ، އެއީ ނިއު ރޭޑިއަންޓަކީ އާދައިގެ ޓީމެއް ނޫން. އުންމީދު ކޮންމެ ބައެއްގެ އޮންނާނެ ނަމަވެސް މި ދައްކަނީ ދެ ފެންވަރެއްގެ ދެޓީމުގެ ވާހަކަ. ދުވަހެއްގައި ނަތީޖާއެއް ނުނެރެވޭނެ ވާހަކައެއް ނޫން، އެކަމަކު ނާދިރުކަމެއް ނަތީޖާއެއް ނެރުމަކީ،" ކުރިން ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކަކަށް ކޯޗުކަން ކޮށްދީ، ނަތީޖާވެސް ނެރެދީފައިވާ ނަޒީހު ބުންޏެވެ.

އެހެން ބުނުމަށްފަހު ނަޒީހު ބުނީ އެއްވެސް ހާލެއްގައި "ގިވް އަޕް" ކުރި ކަމަށް ނުބުނާނެ ކަމަށާއި، ސްކޮޑުގައި އެ ވަރުގަދަކަން ނެތްކަން ފާހަގަކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ބަދަލަކުން ބަދަލެއް ގެންނަން ބަލާއިރުވެސް ސްކޮޑުގައި އެވަރުގެ ކުޅުންތެރިން ނެތުން އެއީ ކަންބޮޑުވުމެއް ކަމަށް ނަޒީހު ފާހަގަކުރިއެވެ. އޭނާ ބުނީ ކޮލިފިކޭޝަންގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް ނަތީޖާ ނެރެވުނު ނަމަވެސް ނިއު ރޭޑިއަންޓަކީ އެއަށްވުރެވެސް މާބޮޑަށްވެސް ވަރުގަދަ ޓީމެއް ކަމަށެވެ.

ނަޒީހު އިތުރަށް ބުނީ އެ ހާލަތުގައިވެސް ރަށުގެ ރައްޔިތުން ކުރިމަތީގައި ރަނގަޅު މެޗެއް ކުޅެ، ހިނިތުންވުން ގެނެސްދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

މުޅި ސީޒަނުގައިވެސް ގައްދުއަށް ބޮޑު ޗެލެންޖަކާ ކުރިމަތިވާނެތޯ ސުވާލުކުރުމުން ނަޒީހު ބުނީ، މަހެއް ދުވަސް ފަހުން ރާގު ބަދަލުވާނެ ކަމަށެވެ.

"މީގެ މަހެއްހާ ދުވަސް ފަހުން އަޅުގަނޑުގެ ރާގު ބަދަލުވާނެ. ވާހަކަވެސް ބަދަލުވާނެ. ފުރަތަމަ މި ބުނި ކަންތައް ފާހަގަކުރީ ޕްރިމިއާ ލީގު ސީޒަނަކަށް ތައްޔާރުވާން ވަގުތު ނުލިބުމުން. ސީޒަނަކަށް ތައްޔާރުވާން މި ލެވެލްގެ ޓީމަކަށް އެބަ ބޭނުންވޭ 45 ވަރަކަށް ޓްރެއިނިންނާ، ފަސް ވަރަކަށް މެޗު ކުޅޭނެ ވަގުތު. އަހަރެމެންނަށް އަދި މެޗެއް ކުޅެން ލިބުނީ ތިނަދުއާ. ނިއު ރޭޑިއަންޓް އެ ނުކުންނަނީ ޗެރިޓީ މެޗާއި ކަޕް ވިނާސް ކަޕްވެސް ކުޅެފައި. އެއީ ގާތްގަނޑަކަށް ވަރަށް ވަރުގަދަ ހަތަރު ފަސް މެޗު. މީގެ އެއްމަސް ފަހުން އެ ޑިފަރެންސް ނޯންނާނެ. އެއީ މެޗު ފިޓްނަސްއަކީ ކިތަންމެ ވަރަކަށް ޕްރެކްޓިސް ކުރިޔަސް އަންނާނެ އެއްޗެއް ނޫން،" ނަޒީހު ފާހަގަކުރިއެވެ.

ނަޒީހު ބުނީ ނިއު ރޭޑިއަންޓުން ކަޕް ވިނާސް ކަޕް މެޗުތައް ބެލި ކަމަށާއި، ކިރިޔާސް ބަލި ކަމަކަށް ފާހަގަކުރެވުނީ މެދުތެރޭގެ ލަސްކަން ކަމަށެވެ. އެއީ ބަލިފައެއްގެ ގޮތުގައި ނުބުނާނެ ކަމަށްވެސް އޭނާ ބުންޏެވެ. އޭގެ އިތުރުން ނަޒީހް ފާހަގަކުރީ ގައްދޫ ނުކުންނާނީ ލީގު ހޯދަން ޓާގެޓް ކަނޑައަޅައިގެން ނޫން ކަމަށާއި، ލީގުން ރެލިގޭޓް ނުވެ އޮތުމަށް ކަމަށެވެ.

"އުންމީދަކީ ގައްދޫ ޓީމު ޕްރިމިއާ ލީގުގައި ބާއްވައިގެން އަންނަ ސީޒަނަށް ދިޔުން. ޓާގެޓެއް އޮޅުވައެއް ނުލަން. ގައްދޫ ޓީމު މި ނުކުންނަނީ ޕްރިމިއާ ލީގު ހޯދާކަށް ނޫން. އެ ވާހަކަ އެހެން ބުނެފިއްޔާ ވާނީ ވަރަށް އެހެން ކަހަލަ ވާހަކައަކަށް. އެއީ ފައިސާއާއި ކުޅުންތެރިންނަށް ބަލާއިރުވެސް އެއީ އުނދަގޫވާނެ ވާހަކައެއް. ނިއު ރޭޑިއަންޓްގައި އެބަހުރި ތިން ލައްކަ ފަންސާސް ހާސް މުސާރަ ދޭ ކުޅުންތެރިއެއް. އަޅުގަނޑުމެންގެ މުޅި ސްކޮޑުގެ އަގުވެސް އެވަރަށް ނާރާ. އެހެންވިއްޔާ އެ ތަފާތަކީ ބޮޑު ފަރަގެއް،" ނަޒީހު ބުންޏެވެ.

ނިއު ރޭޑިއަންޓާއި ގައްދޫ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.