މި ސީޒަނުގެ ލީގަށް ނުކުންނަ އިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓާގެޓަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށް ކޯޗު ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފިއެވެ.

ނިއު ރޭޑިއަންޓުން މިފަހަރު ލީގުގެ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ އަލަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދުއާ ދެކޮޅަށެވެ. ގައްދޫ ޕްރިމިއާ ލީގަށް ކޮލިފައިވީ ފުޓުބޯޅަ އޮނިގަނޑަށް ގެނައި ބަދަލާއެކު ސައުތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަން މުބާރާތުގައިވެސް ކުޅެގެންނެވެ. މިއަދު ނިއު ރޭޑިއަންޓާއި ގައްދޫ ވާދަކުރާ މެޗު އޮންނާނީ ގައްދޫ ދަނޑުގައެވެ. މިއީ ދިވެހި ޕްރިމިއާ ލީގު މެޗެއް މާލޭން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

"ނިއުއަށް ވަރަށް މުހިއްމު މޮޅަކުން ފެށުން. ފުރަތަމަ މެޗުގައި ވާދަކުރަން މި ޖެހެނީ ގޮތް ނޭނގޭ ޓީމަކާ. އެޓީމުގެ ހޯމްގައި ކުޅުމަކީ އަހަރެމެންނަށް ކޮމްޕްލިކޭޓެޑް ކަމެއް،" އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސް ޕްރި މެޗު ޕްރެސްގައި އަންދްރޭ ބުންޏެވެ.

ސީޒަނުގެ މިހާތަނަށް ނިއު ރޭޑިއަންޓް ވަނީ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން ބަލިވެ، ކަޕް ވިނާސް ކަޕްގެ ފައިނަލުގައިވެސް މާޒިޔާ ކައިރިން ބަލިވެފައެވެ. އެ މެޗުތަކުން ދަސްވީ ކޮންކަމެއްތޯ އެހުމުން އަންދްރޭ ބުނީ އެއްވެސް މެޗެއް ފަސޭހަ ނޫން ކަމަށާއި، އެ މެޗުތަކުން ބަލިވުމުގެ ޕްރެޝަރު އެބައޮތް ކަމަށެވެ.

"އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. މި ކުރަން ޖެހޭ ކަމަކީ ފިޔަވަޅަކަށްފަހު ފިޔަވަޅަކަށް ވިސްނަން ޖެހެނީ. ފުރަތަމަ ކުރިއަށް އޮތް މެޗުވެސް ފަސޭހަ ނުވާނެ. ދުވަހެއް ދުވަހަށް ވިސްނަން ޖެހެނީ. މޮޅު ހޯދަން ފުރަތަމަވެސް ގައްދޫ މެޗު ނަގަން ޖެހޭ. އެބައޮތް ޕްރެޝަރު. ސަޕޯޓަރުންނާއި މެނޭޖުމަންޓުން އަދި ނޫސްވެރިންވެސް ގަބޫލުކުރާނީ މިއީ ކޮންމެ މެޗަކުން މޮޅުވާން ޖެހޭ ޓީމެއް ކަމަށް. ޓީމުގައި މިތިބަ ކުޅުންތެރިންނާ ދޭތެރޭ އިތުބާރު އެބައޮތް. އަހަރެންގެ ވަޒީފާއަކީ މިއީ، ޕްރެޝަރުގައިވެސް މޮޅުވުން،" ކުރިން ނިއު ރޭޑިއަންޓްގެ ޓެކްނިކަލް ޑިރެކްޓަރަކަށްވެސް ހުރި އަންދްރޭ ބުންޏެވެ.

އަންދްރޭ ބުނީ މާލޭން ބޭރުގައި ލީގު މެޗެއް ކުޅެން ޖެހުމަކީ ސަމާލުވާން ޖެހޭ ކަމެއް ކަމަށާއި، އިދިކޮޅު ޓީމު އެހާ ރަނގަޅަށް ނޭނގި ކުޅެން ޖެހުން އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އަދި ފޯކަސްވެސް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އަދި ނިއު ރޭޑިއަންޓްގެ ޓާގެޓަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށާއި، މެނޭޖުމަންޓުން އޭނާއާ ހަމައަށް ގެނެސްދީފައިވާ ސްކޮޑަކީ ވަރުގަދަ ސްކޮޑެއް ކަމަށެވެ.

ނިއު ރޭޑިއަންޓާއި ގައްދޫ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.