ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެހިވެލާ ސަރަހައްދުގައި ރޭ ފަތިހުގެ ވަގުތެއްގައި ދިން އަތުބޮމުގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ދެ ކުދިން މަރުވެ، އިތުރު ބައެއްގެ ހާލު ސީރިއަސްވެއްޖެކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ދެހިވެލާގެ ކަވްޑާނާގައި ހުންނަ ސިރީސަންގަބޯ މަގުގެ ގެއެއްގައެވެ. ހާދިސާ ހިނގި ސަރަހައްދަކީ ދިވެހިން އާންމުކޮށް ދިރިއުޅޭ އަވަށެއް ނަމަވެސް، ހަމަލާ އަމާޒުވި ގެއާ ކައިރީގައި ދިވެހި އާއިލާއެއް އުޅޭކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ލަންކާގެ ކަލުބޯވިލާ ޓީޗިން ހޮސްޕިޓަލާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ، އެ ހަމަލާގައި މަރުވެފައިވަނީ އުމުރުން 11 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށެވެ. މީގެ ތެރެއިން 11 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވެ މަރުވި އިރު، 17 އަހަރުގެ ކުއްޖާ މަރުވީ އިމަޖެންސީގައި ފަރުވާދެމުން ދަނިކޮށްކަމަށް މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާގައި އެ ދެބެއިންގެ 55 އަހަރުގެ ބައްޕަގެ އިތުރުން ގޭގައި ތިބި އެހެން ދެ ކުއްޖަކަށް ބޮޑެތި ޒަހަމްތަކެއް ލިބި، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ފުލުހުންގެ ފުރަތަމަ ތަހުގީގަށް އެނގިފައިވާ ގޮތުގައި މިއީ ގޭންގުތަކުގެ މެދުގައި ހިނގި ފައިސާގެ އަރައިރުމެއްގެ ސަބަބުން ދީފައިވާ ހަމަލާއެކެވެ. މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުންހުރި ކުށްވެރިއެއްގެ ގެއަށް އަމާޒުކޮށް، ބަދަލުހިފުމުގެ ގޮތުން ދޭން އުޅުނު އެ ހަމަލާ އަމާޒުވެފައިވަނީ އޮޅުމަކުން އެހެން އާއިލާއެއް ދިރިއުޅޭ ގެޔަކަށްކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހަމަލާ ދީފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށާއި، އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް