ރޭ މާލެ ސަރަހައްދުން ނަގިލި ކަނޑައިގެން ގޮސް އޮޔާދިޔައީ މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓުކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރޭ ގާތްގަނޑަކަށް 10:00 އެހާކަންހާއިރު ހިނގި މި ހާދިސާގައި، ދޫނިދޫއާއި މާލެއާ ދެމެދު އަޅާފައި އޮތް މި ދެ ބޯޓު އޮޔާ ގޮސް ފުރަތަމަ ލެއްގީ ކާނިވާ ސަރަހައްދުގެ ފަރުމައްޗަށެވެ. އޭގެ ފަހުން އޮޔާއެކު ގޮސް ސިނަމާލެ ބްރިޖުގެ ތަނބުތަކުގައިވެސް އެ ބޯޓުތައް ޖެހިފައިވެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާ ހިނގުމާއެކު ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.

އަދި ސަލާމަތްކުރެވުނު މީހުން ކަސްޓަމްސްގެ އޮފިޝަލުންނާ ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދެ އުޅަނދަކީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ ދެ ބޯޓު ކަމަށްވާތީ، އުޅަނދުތަކާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނީ އެ އިދާރާއިންކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ދެ ބޯޓު ރާއްޖެ ސަރަހައްދަށް ވަން ދުވަހެއް އަދި އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބާ ގުޅޭ ގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.