ޔޫކްރެއިންގެ ޕަވްލޮހްރާޑް ސިޓީގައި ހުރި ވިޔަފާރި މަރުކަޒަކަށް ރަޝިޔާއިން ދިން ހަމަލާއެއްގައި ފަސް މީހަކު މަރުވެ، 67 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފިއެވެ.
މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ޑްނިޕްރޮޕެޓްރޮވްސްކް އޮބްލާސްޓްގައި ހިމެނޭ ޕަވްލޮހްރާޑް ސިޓީގެ މެދުތެރޭގައެވެ. ޑްނިޕްރޮޕެޓްރޮވްސްކް ރީޖަނަލް މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ އޮލެކްސެންޑަރ ހަންޒާ ވިދާޅުވި ގޮތުގައި، މި ހަމަލާގައި މަރުވި މީހުންގެ އަދަދު ފަހަކަށް އަރާފައިވާއިރު، އަނިޔާވި 67 މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި 8 ކުޑަކުދިން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަންޒާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަޝިޔާގެ ޑްރޯންތަކުން ދިން މި ހަމަލާގައި ގެއްލުންވި ތަންތަނުގެ 90 އިންސައްތައަކީ ވިޔަފާރިކުރާ އިމާރާތްތަކެވެ.
ޔޫކްރެއިންގެ އިންޓީރިއަ މިނިސްޓަރު އީވާން ވިހިވްސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާއިން މި ހަމަލާ ދީފައިވަނީ ދުވާލުގެ ވަގުތުގައި މަގުމަތީގައި ގިނަ އަދަދެއްގެ އާންމުން އުޅެމުންދިޔަ ވަގުތެއްގައެވެ. މީގެ އިތުރުން، ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތައް ހައްލުކުރުމަށް ހަރަކާތްތެރިވި މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ޔޫކްރެއިންގެ ނޭޝަނަލް ޕޮލިހުން ވަނީ ބުނެފައެވެ.
ޔޫކްރެއިންގެ ފޮރިން މިނިސްޓަރު އަންޑްރީ ސިބީހާ ވިދާޅުވި ގޮތުގައި، ރަޝިޔާއިން ގަސްތުގައި އާންމުން އެއްވެ އުޅޭ ތަންތަނަށް ހަމަލާދެމުންދަނީ ވީހާވެސް ގިނަ ބަޔަކު މަރައި، ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައެވެ.
ޕަވްލޮހްރާޑަކީ ހަނގުރާމައިގެ ކުރީ ސަފާ ގާތްގަނޑަކަށް 75 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާގެ މިފަދަ ހަމަލާތަކުން އާންމުން ރައްކާތެރިކުރުމަށްޓަކައި ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު ދަނީ މަސައްކަތްކުރަމުންނެވެ.
މި ހަމަލާއާ ގުޅިގެން ރަޝިޔާގެ ރަސްމީ ފަރާތްތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ކޮމެންޓް