މިދިޔަ ސީޒަނަކީ އޮޑި ސްޕޯޓްސް ކްލަބަށް ވަރަށް ކާމިޔާބު ސީޒަނެއް ނަމަވެސް، އެ ސީޒަނުގެ މަތިން ހަނދާން ނައްތާލައި، އާ ސީޒަނަށް ފުރިހަމައަށް ކުރިމަތިލާން ޖެހޭ ކަމަށް އާ ކޯޗު ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ ބުނެފިއެވެ.

އޮޑިން މުޅިން އަލަށް މިދިޔަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް، ލީގުގެ ދެވަނަ ހޯދައި ޕްރެޒިޑެންޓްސް ކަޕްވެސް ކާމިޔާބުކުރިއެވެ. އެއީ ކޯޗު އަންދްރެސް ގާސިއާގެ އިރުޝާދުގެ ދަށުންނެވެ. ގްރެގޯރިއޯ ބުނީ އޭނާއަކީ ކުރީ ކޯޗުގެ ކޮޕީ ޕޭސްޓެއް ނޫން ކަމަށެވެ. މި ފަށަން ޖެހެނީ އާ ސީޒަނެއް ނޫން ކަމަށެވެ.

"މިދިޔަ ސީޒަނަކީ އޮޑިއަށް ވަރަށް ރަނގަޅު ސީޒަނެއް. އެކަމަކު ކޮންމެ ސީޒަނަކީ މުޅިން އާ ސީޒަނެއް. މިއީ އާ ފޮތެއް، އާ ބާބެއް. މިދިޔަ ސީޒަނާ މި ސީޒަނާ އެއްވެސް ގުޅުމެއް ނެތް. ވެދިޔަތަނަށް ވިސްނާކަށް ނެތިން. އެއީ ނިމިފައި އޮތް ކަމެއް. އެހެން ހުރިހާ ޓީމަކަށްވެސް ވަރުގަދަ ކުޅުންތެރިން ގެނެސް، މި ސީޒަނަށް އޮތީ ފުރިހަމައަށް ތައްޔާރުވެފައި. ސީޒަނަކީ މެރަތަންއެއް ކަހަލަ ކަމެއް. އެހެންވީމަ އަހަރެން މި މެރަތަންއަށް ފުރިހަމައަށް ތައްޔާރުވާނަން،" ގްރެގޯރިއޯ ބުންޏެވެ.

ގްރެގޯރިއޯ ބުނީ އޮޑީގައި ތިބި ސީނިއާ ކުޅުންތެރިން އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށާއި، އެ ކުޅުންތެރިން ޓީމު ލީޑުކުރާނަމަ ފަސޭހަތަކެއް ހުންނާނެ ކަމަށެވެ. އަދި މިރޭގެ މެޗުގައި ޕްރެޝަރު އޮންނާނީ މާޒިޔާއަށް ކަމަށް ގްރެގޯރިއޯ ބުނެފައިވާ އިރު، މާޒިޔާއަކީ މިދިޔަ ހަ ސީޒަނުގެވެސް ރާއްޖޭގެ ޗެމްޕިއަނުންނެވެ.

"އަހަރެމެން މި ކުޅެނީ މިދިޔަ ފަސް ވަރަކަށް އަހަރު ރާއްޖޭގެ ޗެމްޕިއަނުންނާ. އެހެންވީމަ ޕްރެޝަރު އޮންނާނީ އެޓީމަށް. މާޒިޔާއަށް ޕްރެޝަރު އޮންނާނެ އެޓީމަކީ ހައްގު ޗެމްޕިއަނުންކަން ސާބިތުކޮށްދޭން. އެކަމަކު އަހަރެމެން އެބަ ތައްޔާރުވަން ވީ އެންމެ ރަނގަޅަކަށް. ބައެއް ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުނީ ވަރަށް ފަހުން. އެކަމަކު އެއީ ބަހަނާއަކަށް ދައްކާނެ ކަމެއް ނޫން. އަހަރެމެންގެ ތިބި ލޯކަލް ކުޅުންތެރިންނަށް 100 ޕަސެންޓް އިތުބާރު ކުރަން. އަހަންނަށް އޮޑިން ފެނުނީ ވަރަށް ފޯކަސް، ވަރަށް މަސައްކަތް ރަނގަޅު ކުޅުންތެރިން،" އިންޑިއާގެ ބެންގަލޫރު އެފްސީގައިވެސް މަސައްކަތް ކުރި ގްރެގޯރިއޯ ބުންޏެވެ.

ޕޯޗުގަލް، މިޔަންމާ، ލެބަނަން، ސައުދީ އަރަބިއްޔާ، އިންޑިއާ އަދި އެންގޯލާގައިވެސް ކޯޗިންގެ މަސައްކަތްތައް ކޮށްފައިވާ ގްރެގޯރިއޯ ބުނީ ފުޓުބޯޅައަކީ އޭނާ މާބޮޑަށް ޕްރެޝަރު ނަގައިގެން ހާސްވާ ކުޅިވަރެއް ނޫން ކަމަށެވެ. "ފުޓުބޯޅައަކީ ޝައުގުވެރިކަމާއެކު އުފާވެރިކަމާއެކު،" ކުޅެން ޖެހޭ ކުޅިވަރެއް ކަމަށް ގްރެގޯރިއޯ ފާހަގަކޮށް، އޭނާ ބުނީ އޭނާއަށް ޕްރެޝަރު ތަޖުރިބާކުރެވުނީ އެހެން ބައެއް ކަންކަމުގެ ތެރެއިން ކަމަށެވެ. އެގޮތުން ލުބުނާނުގައި ގެ ކައިރިއަށް ބޮން އަޅަމުންދިޔަ އިރު އެއީ ޕްރެޝަރެއްކަން ގަބޫލުކުރާ ކަމަށާއި، ދުވަހުން ދުވަހަށް ކާއެއްޗެހި ހޯދަން ޖެހޭ ހާލު އުޅޭ މީހުން އެއުޅެނީ ޕްރެޝަރުގައި ކަން ގަބޫލުކުރާ ކަމަށްވެސް ގްރެގޯރިއޯ ބުންޏެވެ.

ގްރެގޯރިއޯ ބުނީ އޭނާއަކީ ވަކި ސްޓައިލެއްގެ ކޯޗެކޭ ބުނަން އުނދަގޫ ކަމަށާއި، ޓީމު ބައްޓަން ކުރަން ބޭނުންވަނީ ހާލަތްތަކަށް ފިޓްވާ ޓީމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ޑިފެންސް ކުރަން ޖެހޭ ހާލަތުގައި ޑިފެންސް ކުރުމުގެ އިތުރުން އެޓޭކް ކުރަން ޖެހޭ ހާލަތުގައި އެޓޭކް ކުރުން އެއީ މުހިއްމު ކަމެއް ކަމަށާއި، އޭނާ ގަބޫލުކުރާ ހަމަތަކަކީ އޮގަނައިޒް، ކޮންސިސްޓެންޓް ޓީމެއް ކަމަށްވެސް ގްރެގޯރިއޯ ފާހަގަކުރިއެވެ.

އޮޑިން މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު މިރޭ އޮންނާނީ 9:00 ގައެވެ.