ރާއްޖޭގައި ޑިމޮކްރަސީ ގެނައުމުގެ ނަމުގައި އިޖުތިމާއީ ރީތި އާދަތަކާއި ވެރިންނަށް އިހުތިރާމުކުރުމުގެ ސަގާފަތް އިދިކޮޅު އެމްޑީޕީން ނައްތާލި ކަމަށާއި އެކަން އަލުން އަނބުރާ އިއާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅުކުރައްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުކުރުމަށްޓަކައި އެމްޑީޕީން ކުރި މަސައްކަތުގެ ތެރެއިން ގައުމުގެ ހަމަޖެހުން ނަގާލައި، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އިހުތިރާމުކުރުމުގެ ސިފަ ގެއްލުވާލާފައިވާ ކަމަށެވެ. އަދި ވެރިންނަށް ކިޔަމަންތެރިނުވުމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސްކަމަށް ރައްޔިތުންނަށް ވިސްނައިދީ، ދައުލަތުގެ މުއައްސަސާތަކުގެ އަގު ވައްޓާލި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވެރިންނާއި ހިދުމަތްތެރިންގެ އަބުރު ކަތިލައި، ދިވެހީންގެ ތެރޭގައި އޮތް ރީތި ސިފަތައް ނައްތާލުމަށް ފަހު، އެމްޑީޕީން ޑިމޮކްރަސީއަކީ އެ މީހަކު އުޅޭނެ ގޮތަކަށް އުޅުން ކަމަށް ސިފަކޮށްދިން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދާ ހަމައަށް އައިއިރު، ޒަމާނުއްސުރެ އޮތް ރީތި އާދަކާދަތައް ގެއްލި، ވެރިންނަށާއި މުއައްސަސާތަކަށް ކުރާ އިހުތިރާމު ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަސައްކަތްކުރައްވަނީ 'ދިވެހީންގެ ރާއްޖެ' އަލުން އަނބުރާ އިއާދަކުރެއްވުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން އިހުތިރާމުކުރުމުގެ ގައުމީ މަޝްރޫއު ފަދަ ތަފާތު ޕްރޮގްރާމްތައް މެދުވެރިކޮށް، ދިވެހީންގެ ހާއްސަ ރީތި ސިފަތައް އިއާދަކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އިސްލާމްދީން ބުނެދެނީ ވެރިންނަށް ކިޔަމަންވުމަށާއި، އިހުތިރާމު އަދާކުރުމަށާއި، ދުވަސްވީ މީހުންނަށް އޯގާތެރިކޮށް ހިތުމަށް ކަމަށެވެ. ނަމަވެސް އެ ކަންކަން އެއްފަރާތްކޮށް، ރައްޔިތުންނަށް ކަންކަން އޮޅުވާލުމާއި ދޮގުހެދުން އެއީ ޑިމޮކްރަސީގެ އަސާސް ކަމަށް ދެކޭ ސިޔާސީ ބޭފުޅުންނަށް ސަރުކާރުގެ އިސްނެގުންތައް ހަޖަމުނުކުރެވިގެން އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
ކޮމެންޓް