އީރާނާއި އެމެރިކާގެ ހަގުރާމަޔަށް ހަމަސްފުރި ހަތްވަނަ މައްސަރުގެ ދުވަސްތައް ގުނެމުންދާއިރު ހަގުރާމައިގެ އޮއިވަރު އެނބުރެމުންދަނީ އެކިދުވަސްވަރު އެކިގޮތަށެވެ. މިހަފުތާގައި އަނެއްކާވެސް އާ ކުލަވަރެއް ވަނީ ފެންނަން ފަށައިފައެވެ. އެކުލަވަރަކީ އީރާނުގެ ތެޔޮޓޭންކަރުތަކަށް ހަމަލަދީ ފައްތައިލުމުގެ ކުލަވަރެވެ. އީރާނަކީ ތެޔޮއުފައްދާ ގައުމުތަކުގެ ޖަމިއްޔާ އޯޕެކުގެ މެންބަރުންގެ ތެރެއިން ތިންވަނަޔަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ. އީރާނުގެ ތެޔޮ އުފުލުމަށްޓަކައި ޓޭންކަރުގެ ވަރަށް ބޮޑު ފްލީޓެއް އޮވެއެވެ. ދައުލަތުގެ ތެޔޮކުންފުނި ކަމަށްވާ ނެޝަނަލް ޓޭންކަރ ކޮމްޕެނީން އެކަނިވެސް އެންމެ ބިޔަ ސައިޒުގެ 53 ޓޭންކަރު އޮޕަރޭޓް ކުރެއެވެ. އެމެރިކާއިން މިހާރު އަމާޒު ހިފާފައިވަނީ އެއްޗަކަށްފަހު އެއްޗެއް ފައްތަމުންގޮސް މުޅި ފްލީޓް ނައްތައިލުމަށެވެ. ބޭނުމަކީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވައިލުމެވެ. މިހަގުރާމައިގެ ބާވަތަށް އެމެރިކާއިން ކޮންމެ ފަހަރަކުވެސް ކަމެއް އިތުރު ކުރަމުންދަނީ ކޮންމެވެސް ބަހަނާއެއް ނުވަތަ އުޒުރެއް ދައްކައިފައެވެ.
އީރާނުގެ ޓޭންކަރުތަކަށް ހަމަލަދޭން ފަށައިފައި އެކަން ކުރަންޖެހުނީ މިހެންވެގެންނޭ، އެހެންވެގެންނޭ ބުނެ ކޮންމެވެސް ބަހަނާއެއް ވަނީ ދައްކައިފައެވެ. އެގޮތުން ދެއްކި ބަހަނާޔަކީ ހޮރުމުޒް ކަނޑުއޮޅިޔާ ހާހެއްހައި މޭލު ދުރުގައިވާ އެމެރިކާގެ އަރުމާދުގެ މަނަވަރަކަށް އީރާނުން މިސައިލް ހަމަލައެއްދޭން އުޅުނީޔޯލައެވެ. އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށް އީރާނުން މިސައިލްތަކެއް އުދުއްސައިލީޔޯލައެވެ. އީރާނުގެ މިސައިލް ފޯސް ދެކެ ބިރުން އެމެރިކާގެ އަރުމާދުގެ މަނަވަރުތައް އީރާނުގެ އައްސޭރިޔާ ގާތެއް ނުވެއެވެ. ހަރަކާތްތެރިވަނީ ހާހެއްހައި މޭލު ދުރުގައެވެ. އެހެންކަމުން އެއިން އެއްޗަކަށް އަމާޒުކޮށް ހަމަލަދިނުމަކީ އީރާނުން އާއްމުކޮށް ކުރާކަމެއް ނޫނެވެ. އެމެރިކާއިން މިފަހަރު އެކުރާ ތުހުމަތުގެ ތެދުދޮގުވެސް އަދި ކަށަވަރެއް ނުވެއެވެ. އެމެރިކާގެ މަނަވަރަކަށް ނުވަތަ މަނަވަރުތަކަކަށް ހަމަލަދިންކަމަށް އީރާނަކުން ކަށަވަރުކޮށެއް ނުދެއެވެ. ހަމަލަދިނިއްޔާ އެމެރިކާގެ މަނަވަރަށް ބޮޑެތި ގެއްލުންތަކެއް ވާނީ ލިބިފައެވެ.
އީރާނާ ދެކޮޅު ހަގުރާމަ ކުރިއަށް ގެންދަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުންނެވެ. އެފަރާތުގެ ކޮމާންޑަރާއި އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ދައްކާފައިވާ ވާހަކަތައް ތަހުލީލުކުރާއިރު އެމެރިކާގެ މަނަވަރަކަށް ނުވަތަ މަނަވަރުތަކަކަށް ގެއްލުންތަކެއް ވެއްޖެ ކަމަށް ހީވެއެވެ. ހެގްސެތު ބުނެފައިވަނީ އެމެރިކާގެ މަނަވަރަކަށް ހަމަލަދީފިއްޔާ އީރާނުގެ ތިން ޓޭންކަރު ފައްތައިލާނޭ ކަމުގައެވެ. ސެންޓްކޮމްގެ ކޮމާންޑަރުވެސް ބުނެފައިވަނީ މިޒާތުގެ ވާހަކައެކެވެ. ކޮންމެއަކަސް އެމެރިކާއިން އީރާނުގެ ތިން ޓޭންކަރެއް މިހަފުތާގައި ހަލާކުކޮށްލައިފިއެވެ. ހޮރުމުޒް ކަނޑުއޮޅީގެ ކައިރިންނާއި ޚަރުގު ޖަޒީރާގެ ކައިރިންނެވެ. ޚަރުގު ޖަޒީރާއަކީ އީރާނުގެ ތެލުގެ ކާރުޚާނާގެ މައި މަރުކަޒެވެ. ތެޔޮ ޓޭންކަރުތައް މައިގަޑުގޮތެއްގައި އޮޕަރޭޓް ކުރަނީ އެތަނުންނެވެ. އަނެއް ދެ ޓޭންކަރުގެ ތެރެއިން އެއް ޓޭންކަރަށް ހަމަލަދިނީ ހޮރުމުޒް ކަނޑުއޮޅީގެ ބޭރުން ގަލްފު އޮފް އޮމާނުގައެވެ. އަނެެއް ޓޭންކަރަށް ހަމަލަދިނީ ހޮރުމުޒް ކަނޑުއޮޅީގެ އަނގަމަތިން ޖަސްކު ބަނދަރާ ކައިރިންނެވެ.
އެމެރިކާއިން އީރާނުގެ ޓޭންކަރުތަކަކަށް ހަމަލަދިންކަން އީރާނުންވެސް ވަނީ ކަށަވަރުކޮށްދީފަައެވެ. އަދި މިކަމުގެ ބަދަލު ހިފުންއޮތީ ކުރިއަށްކަމަށްވެސް ބުނެފައިވެއެވެ. އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ހަމަލަދޭން ފެށީމާ އެކަމުގެ ރައްދުދޭން އީރާނުން އިޚުތިޔާރު ކުރާނީ ކޮން މަގެއް ބާވައެވެ. އީރާނުން ވަނީ އެއީ ކޮން މަގެއްކަން ސާފު ބަހުން ބުނެފައެވެ. އީރާނުގެ އިންގިލާބީ ގާޑުން ބުނެފައިވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ ތެޔޮކުންފުނިތަކުގެ މަރުކަޒުތައް އެއްކޮށް ނައްތައިލާނެ ކަމުގައެވެ. ހަކަތައިގެ ސިނާއަތުގައި އިންވެސްޓްކޮށްފައިވާ އެމެރިކާގެ ކުންފުންޏަކަށް ނިސްބަތްވާ ހަމައެންމެ ތަނެއްވެސް ނުބަހައްޓާނެ ކަމުގައެވެ. މިހިސާބުން ބަލައިލާން ޖެހެނީ އެމެރިކާގެ ހަކަތައިގެ ކުންފުނިތަކަށް ނިސްބަތްވާ މަރުކަޒުތަކެއް މެދުއިރުމަތީގައި އެބަހުރިތޯއެވެ. ހުރިއްޔާ ހުރީ ކޮންކޮން ގައުމުތަކެއްގައިތޯއެވެ. އެބަހުއްޓެވެ. ގަލްފުގެ ހަމަކޮންމެ ގައުމެއްގައިވެސް އެމެރިކާގެ ކުންފުނިތައް ހަރަކާތްތެރިވެއެވެ.
ގަލްފުގެ އަރަބި ގައުމުތަކަކީ އީރާނުގެ އަވައްޓެރިންނެވެ. އެތަންތަނުގައި އެމެރިކާގެ ކުންފުނިތަކުން ގާއިމުކޮށްފައިވާ މަރުކަޒުތަކަށް ހަމަލަދީ އެތަންތަން ނައްތައިލުމަކީ އީރާނަށް ނުހަނު ފަސޭހަކަމެކެވެ. އެތަންތަނުގައި އެމެރިކާގެ ސިފައިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލަދީ ސުންނާފަތިކޮށްލި ބީދައިންނެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވޭތު، އިރާގު، ގަތަރު އަދި ސައޫދީ އަރަބިޔާގައި އެމެރިކާގެ ދޮޅަސް ސޯޅަ ކުންފުނިތައް ހަކަތައިގެ ދާއިރާތަކުގައި ހަރަކާތްތެރިވެއެވެ. ބޮޑެތި ޕްލެޓްފޯމްތައް ގާއިމުކޮށް އެތަންތަނުން އޮޕަރޭޓް ކުރަމުންދެއެވެ. ކޮންމެއަކަސް އީރާނުގެ ރައްދު ހަމަލާތައް މިތަންތަނަށް އަމާޒުވީމާ ދެން ކަންތައްތައް ވަރަށް ގޯސްވާނެއެވެ. އެހެނީ ގަލްފުގެ އަރަބި ގައުމުތަކުގެ ތެލާއި ގޭހުގެ ސިނާއަތު އޮތީ އެމެރިކާގެ ކުންފުނިތަކާ ވަރަށް ބޮޑަށް ގުޅިފައެވެ. އެމެރިކާގެ ކުންފުނިތަކަށްވުރެ ބޮޑު ލޮޅުމެއް އަރާނީ މިދެންނެވި ގައުމުތަކަށެވެ.
މިހަގުރާމައިގައި އެއިން ގައުމެއްގެ ސީދާ ބައިވެރިވުމެއް މިހާތަނަށް ނެތަސް އެގައުމުތަކުގެ ތެލުގެ ސިނާއަތަށް ހަގުރާމައިގެ ލޮޅުން އެރީމާ ދެން ކޮންމެވެސް އެއްކޮޅަކަށް އަރަން މަޖުބޫރު ވެދާނެއެވެ. ފަހަރުގައި އެމެރިކާގެ ހަގީގީ ނިޔަތަކީ ގަލްފުގެ ގައުމުތައް މި ހަގުރާމަޔަށް ނެރުން ކަމަށް ވެދާނެއެވެ. އެ މަގުސަދުގައި އިޒްރޭލުން އަރަބި ގައުމުތަކުގެ ތަންތަނަށް ހަމަލަދީފައި އީރާނުގެ ބޮލުގައި އަޅުވަން އުޅުނުކަމީވެސް ބޭޒާރުވެފައިވާ ހަގީގަތެކެވެ. ކޮންމެއަކަސް ތެޔޮޓޭންކަރުގެ ހަގުރާމަ ފެންނަނީ ވަރަށްވެސް ނުރައްކާތެރި މަގެއް އިޚުތިޔާރުކޮށްފާނެ ހަގުރާމައެއްގެ ގޮތުގައެވެ. އީރާނުން ދީފައިވާ އިންޒާރާ އެއްގޮތަށް އަމަލުކޮށްފިނަމަ އެނޫން އެހެން މަގެއް ނެތެވެ. ފަހަރުގައި އީރާނުގެ ޓޭންކަރުތައް އޮޮޕަރޭޓް ކުރުން ހުއްޓާލައި ޗައިނާގެ ޓޭންކަރުތައް އޮޕަރޭޝަނަށް ނެރުމަކީވެސް ވެދާނެ ކަމެކެވެ. ޔަގީންވާ އެއްޗަކީ ޗައިނާގެ ޓޭންކަރަކަށް ހަމަލަދޭން އެމެރިކާއަކަށް ނުކެރޭނެ ކަމެވެ. އީރާނުގެ ޕްލޭން ބީއަކީ މިއީކަމަށްވުންވެސް ވަރަށް ގާތެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް