ޖަޕާނުގެ އައިޗީ-ނަގޯޔާގައި އޮންނަ އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލާނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފު އަހުމަދާއި ޝޫޓިން އެތުލީޓް މަރިޔަމް އީޝަލް މިސްބާހު ކަމަށް ނިންމާ، ދެ އެތުލީޓުންނާވެސް ދިދަ ހަވާލުކޮށްފިއެވެ.

އޭޝިއަން ގޭމްސްއަށް ދާ ރާއްޖޭގެ ކޮންޓިންޖެންޓްގެ އަދަދަކީ 81 އެކެވެ. ރާއްޖޭން މިފަހަރު ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ ހަތް ކުޅިވަރުގެ 42 އެތުލީޓުންނާއެކު 18 އޮފިޝަލުންނެވެ. ދެން ކޮންޓިންޖެންޓްގައި ހިމެނޭނީ މީޑިއާގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓީމާއި މެޑިކަލް އަދި ސްޕޯޓްސް މިނިސްޓްރީގެ ބޭފުޅުންނެވެ.

އޭޝިއަން ގޭމްސްގެ އިތުރުން ސެނެގާލުގައި އަންނަ މަހު އޮންނަ ޔޫތު އޮލިމްޕިކްސްއަށް ދާ އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަކޮށްގެން މިއަދު މީރުމާ އިވެންޓްސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާ، ފްލެގް ބެއަރާސްއާ ދިދަ ހަވާލުކޮށްފައިވެއެވެ. އެތުލީޓުންނާ ދިދަ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

އޭޝިއަން ގޭމްސްގެ ފްލެގެ ބެއަރާސް އިއުލާނުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އިވެންޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ރާއްޖޭގެ ކޮންމެ ކޮންޓިންޖެންޓަކުންވެސް ކުޅިވަރުތަކުގައި ވާދަކުރާ އިރު، ގައުމު ތަމްސީލުކުރުމުގައި އަދާކުރަން ޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރުން މުހިއްމު ކަމަށެވެ. އަދި އެތުލީޓުން އަބަދުވެސް ދިދައިން ރަމްޒުކޮށްދޭ ކަންކަން ހަނދާނުގައި ބަހައްޓައި، ޑިސިޕްލިންނާއެކު ވާދަކުރުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.

މިއަދުގެ އިވެންޓްގައި އެމްއޯސީގެ ރައީސް ސައްތާރު ފާހަގަކުރެއްވީ ރާއްޖޭން މިފަހަރު ދާ ކޮންޓިންޖެންޓްގެ ކަންކަން ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމުގައި އެމްއޯސީގެ ސްޓާފުންނާއި ސަރުކާރުގެ އިތުރުން އެސޯސިއޭޝަންތަކުން ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އަބަދުވެސް އެތުލީޓުންގެ ފަރާތުން ގައުމަށްޓަކައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފާހަގަކޮށް، ސައްތާރު ވިދާޅުވީ މިފަހަރު އޭޝިއަން ގޭމްސްއަށް ކޮލިފިކޭޝަން ޔަގީންކޮށް ސާފިން ޓީމު ދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

އޭޝިއަން ގޭމްސްއަށް ދާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަކީ އަޙްމަދު ނާސިފް (ޑީޑީ)އެވެ. އެއީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަނެވެ.