ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމުގެ ސަބަބުން 2025 ވަނަ އަހަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސާފު ފައިދާ 115 ޕަސަންޓު އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ މާލީ އޮޑިޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކޮށްފައިވާ އެމްޕީއެލްގެ މާލީ އޮޑިޓުގައިވާ ގޮތުން، 2025 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 949.93 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 2024 ވަނަ އަހަރު ލިބުނު 860.55 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދިހަ ޕަސަންޓުގެ އިތުރުވުމެކެވެ. މި އާމްދަނީ އިތުރުވީ މުދާ ބޭލުމާއި ބަރާކުރުމުގެ އިތުރުން އުޅަނދުފަހަރުގެ ޕައިލަޓޭޖުން ލިބުނު ފައިސާ އިތުރުވުމާ ގުޅިގެންނެވެ.

އާމްދަނީ އިތުރުވުމާއެކު ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން މާލީ ނަތީޖާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައިވެއެވެ. އެގޮތުން 2024 ވަނަ އަހަރު ހަރަދުތައް އުނިކުރުމަށްފަހު ލިބުނު 20.08 މިލިއަން ރުފިޔާގެ އާމްދަނީ، 2025 ވަނަ އަހަރު 74.7 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ.

ކުންފުނީގެ ހަރަދުތައް ކުޑަވުމުގެ މައިގަނޑު ސަބަބަކަށްވީ މުވައްޒަފުންނަށް ކުރާ ހަރަދު ދަށްކުރެވުމެވެ. މުވައްޒަފުންގެ ހަރަދުގެ ގޮތުގައި 2024 ވަނަ އަހަރު 675.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، 2025 ވަނަ އަހަރު އެ އަދަދު ވަނީ 645.8 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ.

މި ބަދަލުތަކާ ގުޅިގެން، އެމްޕީއެލަށް 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 27.8 މިލިއަން ރުފިޔާ، 2025 ވަނަ އަހަރު 59.9 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. އެއީ ސާފު ފައިދާގެ ނިސްބަތުން އެއް 115 ޕަސަންޓެވެ.

ފައިދާ އިތުރުވުމާ ގުޅިގެން ދައުލަތަށް ޓެކުހުގެ ގޮތުގައި އެމްޕީއެލްއިން ދައްކަންޖެހޭ ފައިސާވެސް އިތުރުވެފައެވެ. އެގޮތުން 2024 ގައި ޓެކުހުގެ ގޮތުގައި ދެއްކި 14.4 މިލިއަން ރުފިޔާ، 2025 ވަނަ އަހަރު 17.2 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ދައްކައެވެ.