މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނައަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުހައްމަދު (36އ) އެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި، އޭނާ ހައްޔަރުކުރީ، ކަސްޓަމަރެއްގެ ގޮތުގައި ވިޔަފާރިކުރާ މީހަކަށް ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާ ކަމަށްބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 29 ޑިސެމްބަރު 2025 ގައެވެ.
މި މައްސަލައިގައި ބެލިބެލުމުން އޭނާ ވަނީ 29،600 އަށްވުރެ ގިނަ ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގައިފައެވެ. މީގެ އިތުރުން 4900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާތައް ނަގާފައިވާކަންވެސް އެނގިފައިވެއެވެ.
ފުލުހުން ބުނީ ނަދީފް އަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށް އެކި ފަހަރުމަތިން ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ އިރު، އެންމެ ފަހުން އޭނާ ބަންދުކުރި މުއްދަތު ހަމަވާތީ އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކޮށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް