މާލޭ އާއި މާލެ ކައިރި ސަރަހައްދުތަކެއްގައި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކެއް ހިންގަން އުޅުނު މައްސަލައިގައި ތިން މިހުންގެ މައްޗަށް ކުރި ދައުވާގައި، ދައުލަތުން ހުށަހެޅި ހެކިން ސިއްރު ކުރުމުގެ އަމުރު ނެރެނުދިން މައްސަލައިގައި އެ އަމުރާ މެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއިދުކުރާ ބަޔަކު ދޭން އުޅުނު ހަމަލާއަކާ ގުޅުންހުރި މައްސަލައެކެވެ. ނަމަވެސް އެ ހަމަލާގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށާއި އެމްއެންޑީއެފްގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން، ފުލުހުންނާއި ސިފައިން ގުޅިގެން މިދިޔަ 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ ތިން މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.
ދައުވާކުރި ތިން މީހުންނާއި ކުރި ދައުވާ އާއި ސާބިތުވެއްޖެނަަމަ ކުރޭނެ ކަމަށް ބެލެވޭ ހުކުމް:
- އަބްދުﷲ ހުވައިރިސް ބިން މުހައްމަދު، މ. އެޗީވް
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ - 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
- ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހާވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ - އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
- ހަނގުރާމައަށް މީހުން ފޮނުވުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ - 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
- ސައުސަން ރަޝީދު، ގދ. ނަޑެއްލާ، ހިތަށްފިނިވާގެ
- ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ - ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
- ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހާވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ - އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
- އިބްރާހިމް ވިސާމް، ސ. މަރަދޫ، ފިނިފެންމާގެ
- ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ - ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
ފުލުހުން އެ ތިން މީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގައި، މާލޭގެ ބައެއް ގެތަކާއި އިއްޒުއްދީން ފާލަން ކައިރިން ޕިކަޕެއް ހުއްޓުވައި ބަލައިފާސްކޮށް، ހެކީގެ ގޮތުގައި ބައެއް ތަކެތި އަތުލައިގަތެވެ.
މި މައްސަލައި ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ބައެއް ހެކިތައް:
- ފުލުހުންގެ އިންތެލިޖެންސް އެސެސްމަންޓް ރިޕޯޓް
- ފުލުހުންގެ ކޯލް ޑީޓެއިލް ރެކޯޑް އެނަލިސިސް ރިޕޯޓް
- ފުލުހުންގެ އިލެކްޓްރޯނިކް ޑިވައިޒް އެނެލިސިސް ރިޕޯޓް
- ފުލުހުންގެ އިލެކްޓްރޯނިކް ޑިވައިޒް އެނެލިސިސް ރިޕޯޓް
- ފުލުހުންގެ އިލެކްޓްރޯނިކް ޑިވައިޒް އެނެލިސިސް ރިޕޯޓް
- ފުލުހުންގެ އިލެކްޓްރޯނިކް ޑިވައިޒް އެނެލިސިސް ރިޕޯޓް
- ފުލުހުންގެ އިލެކްޓްރޯނިކް ޑިވައިޒް އެނެލިސިސް ރިޕޯޓް
މި ރިޕޯޓުތައް ސިއްރުކޮށްދިނުމަށް ދައުލަތުން އެދުމުން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެދިނެވެ.
ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނ،ީ މި ރިޕޯޓުތަކަކީ ސިއްރު މައުލޫމާތު ހިމެނޭ ރިޕޯޓުތަކެއްކަމަށްވާތީ އާއި، އިންޓެލިޖެންސް އިދާރާގެ މަސައްކަތްތަކަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާއްސަ ނިޒާމެއްގެ ދަށުން ސިއްރު ހިފެހެއްޓެނިވި ގޮތުގެމަތިން ބައްޓަންކުރެވިފައިވާ މަސައްކަތްތަކަކަށްވާތީ އާއި، މިފަދަ ރިޕޯޓްތައް އެކުލަވާލަން މަސައްކަތް ކުރަމުންދާގޮތާއި، މައުލޫމާތު ހޯދާ ވަސީލަތްތަކާއި މަސްދަރުތައް އެނގި ހާމަވުމުގެ ފުރުސަތު އޮތުމުންނެވެ.
މީގެ އިތުރުން މި ބާވަތުގެ އެހެނިހެން މައްސަލަތަކުގައި އަމަލުކުރާނެ އުކުޅުތައް އެނގޭނެ މައުލޫމާތު ހިމެނޭތީ އާއި މި ރިޕޯޓްތަކުގައި ހަރުކަށި ފިކުރަށް މަގުފަހިކޮށްދޭ ފޮޓޯ އާއި މައުލޫމާތު ހިމެނޭތީ، މިފަދަ ތަކެތި ގެންގުޅުމާއި ދިނުމަކީ ގާނޫނުލްއުގޫބާތާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކުށްތަކަށް މަގުފަހިކުރުވާ ކަމަކަށްވާއިރު، މި ތަކެތި ކޮޕީ ނަގައި ދައުވާ ލިބޭ ފަރާތާ ހަވާލުކުރުމަކީ "ނިޒާމު އާއްމު"އާ ފުށުއަރާކަމަކަށްވާތީ އާއި، ޝަރީއަތުގެ މަޖިލީހުގައި މިތަކެތި ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިފާއަށް ލިބިދިނުމަށެވެ.
މި ރިޕޯޓްތައް ތައްޔާރުކުރި ފަރާތްތަކަކ،ީ ކާކުކަން ހާމަނުވާގޮތަށް އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮރުވައިދޭ ވަސީލަތެއްގެ ޒަރިއްޔާއިން ސުވާލުކޮށް ހެކިބަސް ނެގުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުން، މިދިޔަ ފެބްރުއަރީމަހު ކޯޓަށް ހުށަހެޅިއެވެ.
އެއީ ހެކިބަސް ދިނުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ހެކިން ރައްކާތެރި ކުރުމަށާއި، އެ ހެކިންގެ ފުރިހަމަ ހެކިބަސް ޝަރީއަތަށް ލިބުމަށް މަގުފަހިކުރުމަށާއި، އިންޓެލިޖެންސް އިދާރާތަކުގެ މަސައްކަތްތަކަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާއްސަ ނިޒާމެއްގެ ދަށުން ސިއްރު ހިފެހެއްޓެނިވި ގޮތުގެމަތިން ބައްޓަން ކުރެވިފައިވާ މަސައްކަތަކަށްވާތީ އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި މީހުންނަކީ ކޮންބައެއްކަން ހާމަނުވާ ގޮތަށް އެކަން ކުރުމަށެވެ.
ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނީ ހެކިވެރިންނަށް ހިމާޔަތް ލިބިދޭންޖެހޭނަމަ ޖިނާއީ އިޖުރާއަތުގެ ގަނޫނުގައި ބަޔާންކުރާ ކަންކަމަކަށް ފަނޑިޔާރު ރިއާޔަތްކުރަން ޖެހޭނެކަން އެނގޭ އިރު، އެ މީހުންނަކީ ކާކުކަން އޮޅުވާލައިގެން ކޯޓުގައި ހެކިބަސް ނަގަންޖެހޭ ފަދަ ސަބަބެއް ދައުލަތުން ބުނެދީފައި ނުވާ ކަމަށާއި ގާނޫނުގައި ބަޔާންކުރާ ކަންކަން ދައުލަތުން ފުރިހަމަ ކޮށްފައިނުވާތީ، ދައުލަތުން ސިއްރުކުރުމަށް އެދިފައިވާ ހެކިން ހާޒިރު ނޫންގޮތަށް އަޑު ބަދަލުކޮށް ނެގޭނެ ހަމައެއް ނެތް ކަމަށެވެ.
މި ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށަހެޅި ހެކިންނަށް ހިމާޔަތް ލިބިދިނުމަށް އަމުރުކުރަންޖެހޭ ފަދަ ގާނޫނީ މަރުކަޒެއް ދައުލަތަށް ބުނެދެވިފައި ނުވާތީ، ދައުލަތުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ މި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުގައި ދައުލަތުން ބުނީ، ދަށު ކޯޓުން ނިންމާފައިވާ އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފަށް ނިންމާފައިވާ، އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މަގުސަދާ ހިލާފު ނިންމުމެއް ކަމަށެވެ.
އެހެންކަމުން ދައުލަތުން ހައިކޯޓުގައި އެދުނީ، ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެކިންނަށް ރައްކާތެރިކަން ދިނުމުގެ އަމުރެއް ނެރެދީ، އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރި ފަރާތްތަކުގެ ވަނަވަރު ވަންހަނާ ކުރުމަށްޓަކައި، ކާކުކަން ނޭނގޭގޮތަށް ސިއްރުން އަޑު ބަދަލުކޮށްގެން އަޑު އެކަނި އިވޭގޮތަށް ހެކިބަސް ނެގުމުގެ ފުރުސަތު ދިނުމަށް އަލުން އެބައި ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.
ނަމަވެސް މި މައްސަލައިގައި މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ހައިކޯޓުން ހުކުމްކުރީ، ކުރިމިނަލް ކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ ނުވަތަ ޝަރުއީ ސަބަބެއް ނެތްކަމަށް ކަނޑައަޅާ ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ނިންމުން އަނެއްކާވެސް ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދެފަރާތުގެ ހުށަހެޅުންތަކަށްފަހު މި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކުރީ، ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ. އަދި މި މައްސަލައިގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އަމުރާ މެދު އަލުން ގޮތެއް ނިންމުމަށް މި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރަންވެސް ހުކުމްކުރިއެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ކޮމެންޓް