ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށްބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ ތަހުގީގުތަކުން އެނގިފައިވާ ގޮަތުގައި މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓުތައް ހަދައިގެން ހަރަކާތްތެރިވަމުން ކަމަށެވެ.

"Hulhumale Daily Rent Apartment" (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު ބޭނުންކޮށްގެން އެފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، އެފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަންވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޮޅުވާލައިގެން އިޝްތިހާރުކުރުން (މޯޑަސް އޮޕަރަންޑީ):

  • މީހުން ޝައުގުވެރިކުރުވުމަށްޓަކައި އެހެން ފަރާތްތަކުގެ އެޕާޓްމަންޓްތަކުގެ ވީޑިއޯއާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމާއި، އެކަށީގެންނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭ ކަމަށްބުނެ އިޝްތިހާރުކުރުން.
  • އަވަސްއަރުވާލައިގެން ފައިސާ ހޯދަން އުޅުން: މެސެޖިން ޕްލެޓްފޯމްތަކުން މުއާމަލާތްކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުންވެސް އެދެމުންދާ ކަމަށްބުނެ އަވަސްއަރުވާލައި، ބުކިން ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރުން.
  • އެޑްވާންސް ފައިސާ އަތުލުން: ވަކި ބޭންކް އެކައުންޓްތަކަކަށް 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ބުނުން. ވަގު ލިޔެކިޔުމާއި އައިޑީ ބޭނުންކުރުން:
  • އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަ ނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުން.
  • ފައިސާ ލިބުމުން ރިޕްލައި ކުރުން ހުއްޓައިލުން: ފައިސާ ޓްރާންސްފާ ކުރި ސްލިޕް ފޮނުވުމާއެކު، އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާވެސް އަނބުރާ ނުދިނުން.

ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް:

  • ތަން ބަލައި ޔަގީންކުރުން: އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިން ފީއެއް ޓްރާންސްފާ ނުކުރުން.
  • މިލްކުވެރިކަން ކަށަވަރުކުރުން: ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށްދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ޔަގީންކުރުން.
  • އަވަސްއަރުވާލައިގެން ފައިސާ ދައްކަން ބުނާ ބުނުމަށް ފާރަވެރިވުން: ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމަށް މަޖުބޫރުކުރާ ހާލަތްތަކުގައި ފައިސާ ނުދެއްކުން.
  • އޮންލައިން މުއާމަލާތްތަކަށް ސަމާލުވުން: ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުން.

މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 (960+) އަށް ފައިސާ ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ އެފަދަ އެއްވެސް އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.