ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމެއްކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތަކާ ގުޅިގެން، އެ މަނިކުފާނާ ސުވާލުކޮށް މައްސަލަ އިތުރަށް ބެލުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު 12 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ޔާމީން ވިދާޅުވެފައިވަނީ، އެ ތަނުގައި ރޯކޮށްލީ ކަމަށާއި، އެކަން ކުރި ފަރާތް ފުލުހުންނަށް ސާފުކޮށް އެނގޭނެ ކަމަށެވެ.
އިހުސާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރުގެ ތަހުގީގީ މާހިރުންނާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން ސާބިތުވެފައިވަނީ އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ ހެއްކެއް ފެނިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ނަމަވެސް 5 ސެޕްޓެމްބަރު 2026 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި، އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިމައްސަލާގައި އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރައްވައި، ތަހުގީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރި ނަމަ، އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް އަޅުގަނޑުވާނީ ދަންނަވާފައެވެ" އިހުސާން ވިދާޅުވިއެވެ.
އަދި، ފުލުހުންގެ މައްޗަށް ޔާމީން ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދެއްވުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ހުށަހަޅާފައިވާނެކަމަށް އިހުސާން ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ އިދާރާއެއް ހިންގި ގްރީން ބިލްޑިންގް ކޮމްޕްލެކްސްގައި ހިނގި އެ ހާދިސާގައި މުޅި އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދައި، ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތައް ވަނީ ގެއްލިފައެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް