މިހާރުވެސް ފީފާގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޖިއާނީ އިންފަންޓީނޯ ކުރިއަށް އޮތް ދައުރަށް ބާއްވާ އިންތިހާބުގައިވެސް ވާދަކުރައްވާނެކަން ފީފާއިން އިއުލާނު ކޮށްފިއެވެ.

ފީފާގެ އުސޫލު ބުނާ ގޮތުން ރައީސަކަށް އެންމެ ގިނަވެގެން މަގާމު އަދާކުރެވޭނީ ތިން ދައުރަށެވެ. އިންފަންޓީނޯ 2016 އިން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުންދާ އިރު، އޭނާ ފުރަތަމަ މަގާމާ ހަވާލުވެވަޑައިގަތީ އޭރުގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއީ ދައުރުގެ މެދުތެރެއިންނެވެ. އެހެންކަމުން މިއީ އިންފަންޓީނޯ އާންމު އުސޫލުގެ ދަށުން އިންތިހާބު ވެގެން ފީފާގެ ރައީސްކަން ކުރައްވާ ދެވަނަ ދައުރެވެ. ކުރިން ފަހަރު އިންފަންޓީނޯ މަގާމާ ހަވާލުވެލެއްވީ ދައުރުން ބޭރު ބޭއްވި ހާއްސަ ޖަލްސާއެއްގެ އަގުލަބިއްޔަތުންނެވެ.

އިންފަންޓީނޯއަށް ފީފާ ރައީސްކަމުގައި ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލައްވަން ޖެހިފައިވާ އިރު، ގާނޫނީ ގޮތުން އޭނާއަށް ކުރިއަށް އޮތް ދައުރަށް ވާދަ ނުކުރެވޭނެ ކަމަށް ބުނެ، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ ފެއާސްކެއާއިން ވަނީ މައްސަލައެއްވެސް ފެންމަތި ކޮށްފައެވެ.

އޭގެ އިތުރުން ދާދިފަހުން އިންފަންޓީނޯ އިސްވެ، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލަން އިންވެސްޓްމަންޓް ހޯދަން ހެދި ބޮޑު ޕްލޭނެއްވެސް ވަނީ ފެއިލްވެފައެވެ.

ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ގެ ނަމުގައި އިންފަންޓީނޯ އިއުލާނުކުރެއްވި ޕްލޭންގެ ދަށުން ވޯލްޑް ކަޕުގެ ހިއްސާވެސް ވިއްކޭ ގޮތަށް އޮތް އިރު، ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ އެއީ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށެވެ.

ޔޫރަޕް ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފާއާއި އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީގެ އިތުރުން އުތުރު އަދި މެދުތެރޭ އެމެރިކާ ފުޓުބޯޅައިގެ އިދާރާ ކޮންކެކަފް އެކުވެގެން ފީފާގެ ރައީސް އިންފަންޓީނޯގެ އިތުބާރު ނެތްކަން އެފަހަރު ހާމަކޮށްފައިވެއެވެ. އަދި ޔޫއެފާއިން ވަނީ ވޯލްޑް ކަޕާއި އެހެނިގެން މުބާރާތްތައްވެސް ބޮއިކޮޓް ކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ.

އެއާއެކު، އިޒްރޭލުން ގައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އެގައުމު ފުޓުބޯޅައިން ބޭރުކުރަން ހުށަހެޅި ހުށަހެޅުމަށް އިންފަންޓީނޯއަށް ފިޔަވަޅު އަޅުއްވަން ނުކުރެމުން އެކަމާވެސް ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި އެމެރިކާގެ ސިޔާސީ މަޝްރަހުގެ ތެރެއަށް އިންފަންޓީނޯ ވަދެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕްރޮމޯޓް ކުރައްވަން ކޮށްފައިވާ މަސައްކަތްތަކަށްވެސް ވަނީ ނުރުހުން އަމާޒުވެފައެވެ. އެގޮތުން އިންފަންޓީނޯ، އެމެރިކާގެ ރައީސަށް ފީފާގެ ފުރަތަމަ ޕީސް ޕްރައިޒް އެރުވި މައްސަލައިގައި ނޯވޭގެ ފުޓުބޯޅަ އިދާރާއިން ވަނީ ބައިނަލްއަގުވާމީ ކޯޓަށް މައްސަލަވެސް ވައްދައިފައެވެ.

މިހާރު ޕޮލެންޑްގައި ކުރިއަށްދާ ފީފާ އަންހެން ވޯލްޑް ކަޕުގެ ތެރެއިން އިންފަންޓީނޯ ފެނިގެން ގޮސްފައިވާ އިރު، އެ މުބާރާތުގެ ތެރެއިން ނޫސްވެރިން ސުވާލުކުރުމުން އިންފަންޓީނޯ ވަނީ މުސްތަގުބަލާ ދޭތެރޭ ވާހަކަ ދައްކަވަން އިންކާރު ކުރައްވައިފައެވެ. އެހެން ނަމަވެސް ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރުގެ ރައީސް އިންތިހާބުގައި ވާދަކުރައްވަން ގެންގުޅުއްވާ ޕްލޭނެއް ބަދަލެއް ނާންނަ ކަމަށެވެ.

އިންފަންޓީނޯ އަލުން އިންތިހާބުވުމަށް ކުދި ގައުމުތަކުގެ ވޯޓު ހޯއްދަވަން އެގައުމުތަކަށް ފަންޑު އިތުރުކޮށްދޭނެ ކަމަށް ވައުދުވަމުންދާ ކަމަށް ބައެއް ނޫސްތަކުން ތުހުމަތު ކޮށްފައިވާ އިރު، ފީފާގެ އިންތިހާބު ދެން އޮންނާނީ އަންނަ އަހަރު މޮރޮކޮގައެވެ. އެ އިންތިހާބު ކާމިޔާބުކުރައްވާ ފަރާތަކަށް 2031 އާ ހަމައަށް މަގާމުގައި ހުރުމަށް ފުރުސަތު އޮންނާނެއެވެ.