ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ހާއްސަ ސަރަހަހައްދެއް ގާއިމުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސާވޭއެއްގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު ކުރަމުންދާ ކަމަށެވެ.
މި ސާވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުމެވެ.
ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށް އެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުން ވެސް މި ސާވޭގެ ތެރޭގައި ހިމެނެއެވެ. މި ސާވޭއިން ލިބޭ މައުލޫމާތަކީ އީއައިއޭ ރިޕޯޓުގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ފުރިހަމަކަމާއެކު ކުރިއަށްގެންދިއުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދު ތަރައްގީކުރުމަށް ހުށަހަޅާފައިވާ ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ.
އާޓިފިޝަލް ސްވިމިން ސަރަހައްދު: ފްލޯޓިން ޕޮންޓޫނަކާއެކު ހަދާ ރައްކާތެރި މޫދަށް އެރޭ ސަރަހައްދަކާއި، އެއްގަމުގައި އައުޓްޑޯ ފެންވަރާ ތަނަކާއި، ފަސޭހައިން މޫދަށް ފޭބޭނެ ގޮތަށް ހަދާ ރޭމްޕެއް އެ ބައިގައި ހިމެނެއެވެ.
މަސްބާނާ ޕްލެޓްފޯމް: ކޮންކްރީޓް ޑެކަކާއި، އެ ތަނަށް ދިއުމަށް ހާއްސަކުރެވޭ ވޯކްވޭއަކާއި، އަރާމުކޮށްލަން އިށީނދެވޭނެ ހިޔާކޮށްފައިވާ ބެންޗުތަކުގެ އިތުރުން މަސްކަނޑަން ބޭނުންކުރެވޭނެ ހާއްސަ ސަރަހައްދެއް އެ ޕްލެޓްފޯމުގައި ހިމެނެއެވެ.
މި މަޝްރޫއު ފުރިހަމަވެގެން ދިއުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށް އެޗްޑީސީން ބުނެއެެވެ.
ހުލުމާލެއަކީ އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ސާވޭ ލިންކް: https://forms.cloud.microsoft/r/Sq0vzEFdWt
ފާތިމަތު ލިއުޝާ
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ކޮމެންޓް