މިދިޔަ އަހަރު ނިމުނު އިރު ކައްދޫ އެއާޕޯޓްސް ކޮމްޕެނީއަށް 29.5 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށާއި އެއާ އެކު އެ ކުންފުންޏަށް މިދިޔަ އަހަރުތަކުގައި ލިބުނު ގެއްލުމުގެ އަދަދު 325 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި މާލީ ހިސާބުތަކުގެ އޮޑިޓްގައިވާ ގޮތުން މިދިޔަ އަހަރު ކައްދޫ އެއާޕޯޓް ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 11 މިލިއަން ރުފިޔާއެވެ. ނަމަވެސް ކުންފުނީގެ ހަރަދުތަކަށް 38.7 މިލިއަން ރުފިޔާ އަރައެވެ.

ވޭތުވެދިޔަ އަހަރުތަކުން އެކުންފުންޏަށް ވަނީ 325 މިލިއަން ރުފިޔާގެ ގެއްލުންވެފައެވެ. އަދި ކުންފުނީގެ ޖުމްލަ އެސެޓް 56 މިލިއަން ރުފިޔާއަށް އަރައެވެ.

ކައްދޫ އެއާޕޯޓްސް ކޮމްޕެނީއަށް މިދިޔަ އަހަރު ވެސް ބޮޑު ގެއްލުމެއް ވެފައިވާ އިރު، އެ ކުންފުނީގެ ހުރިހާ އެސެޓެއް ރީޖަނަރަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމަށް މި އަހަރުގެ އޭޕްރީލް 20 ގައި އެ ކުންފުނީގެ ބޯޑުން ވަނީ ނިންމައިފައެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން ކައްދޫ އެއާޕޯޓަށް 114 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، ފޮނަދޫން 30 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެ މަޝްރޫއުގެ ދަށުން ކައްދޫ އެއާޕޯޓުގައި 2800 މީޓަރުގެ ދިގު ރަންވޭއެއް ވެސް ހަދާނެއެވެ.