މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކައްދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ / ލ. މާވަށް، އަބްދުﷲ ގާސިމް (31އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:13 ހާއިރު ހިންގި އެ އޮޕަރޭޝަންގައި ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ 29.34 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަބްދުﷲ ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.