ލ. ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި އޮޕަރޭޓުކުރުން އަދި ލ. ފޮނަދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުތަކުގައި ސޮއިކޮށްފައިވަނީ ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރެއްވި އިރު، ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އެމްއޭސީއެލްގެ ފަރާތުން އެ ދެ މަޝްރޫއުގައި ވެސް ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

ކައްދޫ އެއާޕޯޓު މަޝްރޫއާ ގުޅޭގޮތުން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިމާއެކު ފޮނަދޫގެ ބިން ވެސް ހިއްކާނެ ކަމަށާއި އެގޮތުން ކައްދޫ އެއާޕޯޓަށް 114 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، ފޮނަދޫން 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްތައް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެ އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ދަށުން ކައްދޫ އެއާޕޯޓުގައި 2800 މީޓަރުގެ ދިގު ރަންވޭއެއް ހަދާނެ ކަމަށާއި މުޅި އެއާޕޯޓުގެ މަސައްކަތްތައް 36 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.