ސްރީލަންކާގެ އުތުރުގައި އޮންނަ ކަންކަސަންތުރައި (ކޭކޭއެސް) ބަނދަރު ތަރައްގީކުރުމަށް އިންޑިއާއިން ދޭ 61.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގާތަށް ދެ ގައުމުން ޖެހިލައިފިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ކޮލަމްބޯގައި ބޭއްވި މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ ލަންކާގެ އެނާޖީ، ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އަނޫރާ ކަރުނަތިލަކައާއި އިންޑިއާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު މައިތްރޭ ކުލްކަރްނީއެވެ.
ލަންކާގެ ޕޯޓްސް މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްވަރާތަކުގައި ދެ ފަރާތުން ވަނީ އެއްބަސްވުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، މުހިންމު ކަންތައްތަކަކަށް އެއްބަސްވެފައެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދިއުމަށް ޖޮއިންޓް މޮނިޓަރިން ކޮމިޓީއަކާއި ޓެކްނިކަލް ކޮމިޓީއެއް އެކުލަވައިލުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ 61.5 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ބަނދަރުގެ ބްރޭކްވޯޓަރާއި މަގުތައް މަރާމާތުކުރުމުގެ އިތުރުން، އާ ޕިއަރަކާއި ގުދަނެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާ ޕޯޓްސް އޮތޯރިޓީން ބުނެއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ލަންކާގެ އުތުރާއި އިންޑިއާގެ ދެކުނާ ދެމެދު މުދަލާއި މީހުން އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށް ދެ ގައުމުގެ އޮފިޝަލުން ފާހަގަކުރެއެވެ.
މި މަޝްވަރާތަކުގެ ނަތީޖާ އިންޑިއާ ސަރުކާރަށް ހުށަހަޅައި، އެއްބަސްވުމާ މެދު އަވަސް ނިންމުމެއް ނިންމުމަށް އިންޑިއާގެ ވަފުދުން ވަނީ އެއްބަސްވެފައެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް