ދިރާގަށް 18،199 ރުފިޔާ ދައްކަން، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމް ދީދީ (ޑީޑީ)ގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އިބްރާހިމް ދީދީއަށް ދިރާގުން އެކިފަހަރު މަތިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 18،199.39 ރުފިޔާއާއި، މި މައްސަލަ ކޯޓަށް ހުށަހަޅަންޖެހުމުގެ ސަބަބުން ދިރާގުން ހަރަދުކުރަން ޖެހުނު 2،000 ރުފިޔާއާއެކު ޖުމްލަ 20،199.39 ރުފިޔާ އެކީ އެއް ފަހަރާ އިބްރާހިމް ދީދީގެ ކިބައިން ހޯދުމަށް އެދި ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުން ވަނީ މި މައްސަލައިގެ ދައުވާފޯމާއި، ދައުވާފޯމާއެކު ރައްދުކުރަންޖެހޭ ލިޔުންތައް އިބްރާހިމް ދީދީއާ ހަވާލުކޮށްފައެވެ. ނަމަވެސް ދައުވާއަށް ރައްދު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އިބްރާހިމް ދީދީ ދައުވާއަށް ރައްދުދީފައިނުވެއެވެ. އެހެންވެ، ދިރާގުން އެދިފައިވަނީ 20،199.39 ރުފިޔާއަކީ އިބްރާހިމް ދީދީ ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި، އެ ފައިސާ އެކީ އެއްފަހަރާ އިބްރާހިމް ދީދީގެ ކިބައިން ނަގައި ދިނުމަށެވެ.

އިބްރާހިމް ދީދީގެ ފަރާތުން ދައުވާއަށް ރައްދުދީފައިނުވާތީ ސިވިލް ކޯޓުން ނިންމީ މި މައްސަލައިގައި އައިރު ހާޒިރުގައި ހުކުމް ކުރުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ދައުވާފޯމާއެކު މައްސަލަ ސާބިތުކުރުމަށް އެދޭ ލިޔުންތައް ދިރާގުގެ ފަރާތުން ހުށަހަޅާފައިވާތީ، މިއީ އިބްރާހިމް ދީދީއާ ދެކޮޅަށް ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ހުކުމްކުރަންޖެހޭ މައްސަލައެއްކަމަށް ސިވިލް ކޯޓުން ނިންމިއެވެ.

ސިވިލް ކޯޓުން ފާހަގަކުރި ގޮތުގައި ޝަރީއަތުގެ ހަރަދަކީ މަދަނީ ދައުވާއެއް ކާމިޔާބުކުރާ ފަރާތަކަށް، އެ ދައުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ހަރަދެއްކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ 30 ވަނަ މާއްދާއިން އެނގޭ ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގައި 270 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާކޮށްފައިނުވާ ހިނދަކު، އާންމު އުސޫލުން، ޝަރީއަތުގެ ހަރަދު، ދައުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދައުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދެވިދާނެ ކަމަށެވެ. އެގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅަންޖެހުމުގެ ސަބަބުން ގާނޫނީ މަސައްކަތަށް ހޭދަކޮށްފައިވާ ފައިސާއަކީ ޝަރީއަތުގެ ހަރަދުގެ ތެރޭގައި ހިމެނޭ ފައިސާއެއްކަމާއި، އެ ފައިސާ ކޯޓުން ނަގައިދިނުމުގައި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް އެދޭ ފައިސާގެ ތަފްސީލާއި، ކޯޓަށް މައްސަލަ ހުށަހެޅުމުން ގާނޫނީ މަސައްކަތެއް ކޮށްފައިވާކަމަށް ބުނާ ނަމަ، އެ ހަރަދުވެފައިވާ ފައިސާއަކީ ގާނޫނީ ވަކީލަކު ކޮށްފައިވާ މަސައްކަތައްވުމުގެ އިތުރުން ގާނޫނީ ވަކީލަކު އެ މައްސަލައިގައި ހާޒިރުވާންޖެހޭނެކަމަށް ސިވިލް ކޯޓުން ބުންޏެވެ.

އަދި އެ ފައިސާއަކީ ގާނޫނީ ވަކީލަށް ހަރަދުކޮށްފައިވާ ނުވަތަ ހަރަދުކުރަންޖެހޭ ފައިސާއެއްކަން އެނގޭނެ ލިޔުންތައް ހުށަހަޅަންޖެހޭނެކަމަށް ސިވިލް ކޯޓުން ބުންޏެވެ. އެފަދައިން އެ ލިޔުންތައް ހުށަހަޅާފައިނުވާ ނަމަ، ގާނޫނީ މަސައްކަތަށް ހޭދަކޮށްފައިވާ ފައިސާ ހޯދުމަށް އެދުނު ނަމަވެސް، އެ ފައިސާ ނަގައިނުދެވޭނެކަމަށް ސިވިލް ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން ބުނީ މި މައްސަލައަށް ބަލާއިރު ދިރާގަށް މި މައްސަލަ ކާމިޔާބު ކުރެވުނު ނަމަވެސް، ޝަރީއަތުގެ ހަރަދު ހޯދުމަށް އެދި ދިރާގުން ހުށަހަޅާފައިވާ އެއްބަސްވުމަށް ބަލާއިރު، ދިރާގުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި އެއްވެސް އަދަދެއްގެ ފައިސާއެއް ހަރަދުކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން، ދިރާގުގެ ފަރާތުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމިއެވެ.

އެކަންތައްތައް ފާހަގަކުރުމަށްފަހު، ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނީ، އިބްރާހިމް ދީދީގެ ފަރާތުން ދިރާގަށް ދައްކަންޖެހޭ 18،199.39 ރުފިޔާ، ދިރާގަށް ލިބިދިނުމުގެ ގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކަައި ހަލާސްކުރުމަށް އިބްރާހިމް ދީދީއަށް އަންގައި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދިރާގުން ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، އިބްރާހިމް ދީދީގެ އައިރު ހާޒިރުގައި ހުކުމްކުރާ ކަމަށެވެ.

މި މައްސަލަ ބެއްލެވީ ގާޒީ މަރްޔަމް ވަހީދެވެ.