އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ) އިން ސްޓްރެޓެޖިކް ޑޭޓާ އެއްކުރުމަށް ބޭނުންކުރާ އީއޯއެސް-05 ސެޓެލައިޓް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވައިފިއެވެ. ސްރީހަރިކޯޓާގައި ހުންނަ ސަތީޝް ދަވަން ސްޕޭސް ސެންޓަރުން މި ސެޓެލައިޓް ޖައްވަށް ފޮނުވާފައިވަނީ ޖީއެސްއެލްވީ-އެފް17 ރޮކެޓުގައެވެ.

އިސްރޯއިން ބުނި ގޮތުގައި، 2،367 ކިލޯގްރާމްގެ މި ސެޓެލައިޓަކީ ޖިއޯސިންކްރޮނަސް އޯބިޓްގައި ބަހައްޓައިގެން މަންޒަރު ނެގުމަށް އެ ގައުމުން ފޮނުވި ފުރަތަމަ ސެޓެލައިޓެވެ. އާންމުކޮށް ދުނިޔެ އޮބްޒާވްކުރާ ސެޓެލައިޓްތައް ބަހައްޓަނީ ދުނިޔެއާ ގާތުން ލޯ އާތު އޯބިޓް (އެލްއީއޯ) ގައެވެ. ނަމަވެސް އީއޯއެސް-05 ސެޓެލައިޓް މަސައްކަތްކުރާނީ ދުނިޔޭގެ ސަތަހައިން ފެށިގެން ގާތްގަނޑަކަށް 36،000 ކިލޯމީޓަރު މަތީގައި ކަމަށް އެ އިދާރާއިން ބުނެއެވެ. މި އުސްމިނުގައި ސެޓެލައިޓް ދަތުރުކުރާނީ ދުނިޔެ އެނބުރޭ ބާރުމިނާ އެއްވަރަކަށް ކަމަށްވާތީ، ވަކި ސަރަހައްދެއްގެ މަންޒަރުތައް މެދުކެނޑުމެއްނެތި ވަގުތުން ނެގުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް އިސްރޯއިން ފާހަގަކުރިއެވެ.

އިސްރޯގެ ޗެއާމަން ވީ.ނާރާޔަނަން ވިދާޅުވި ގޮތުގައި، ރޮކެޓުން ވަނީ ކަނޑައެޅިފައިވާ އޯބިޓަށް ސެޓެލައިޓް ވާސިލުކޮށްދީފައެވެ. އަދި ސެޓެލައިޓްގެ ސޯލާ ޕެނަލްތައް ހުޅުވި، ހުރިހާ ނިޒާމެއް ރަނގަޅަށް މަސައްކަތްކުރަމުންދާކަން ޑޭޓާތަކުން ކަށަވަރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ސެޓެލައިޓް އޭގެ ފުރިހަމަ އޯބިޓަށް ވާސިލުވުމުން، ގައުމަށް ބޭނުންވާ މުހިންމު ސްޓްރެޓެޖިކް ޑޭޓާ ފޯރުކޮށްދޭނެ ކަމަށްވެސް ނާރާޔަނަން ވިދާޅުވިއެވެ.

މި ސެޓެލައިޓް މެދުވެރިކޮށް ނަގާ މަންޒަރުތައް، ގުދުރަތީ ކާރިސާތައް މޮނިޓަކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއަށާއި، އަދި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ސެޓެލައިޓްގެ އޯބިޓް އިތުރަށް މައްޗަށް ޖައްސައި، ފައިނަލް އޯބިޓަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އިސްރޯއިން ވަނީ ބުނެފައެވެ.