ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މިއަހަރުގެ ތެރޭގައި އިތުރަށް މުވައްޒަފުން އިތުރުކުރާނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށާއި، އެ ދާއިރާއަށް އަލަށް 2،000 މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި މަސައްކަތްކުރާ ޑޮކްޓަރަކު ވަނީ އެ ހޮސްޕިޓަލުގައި ހުރި ދަތިތަކުގެ ތަފުސީލު ރައީސަށް އަރުވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރާ އެއްވަރަށް ހޮސްޕިޓަލުގައި ސްޓާފުން ނެތުމުގެ ދަތިކަން ވަރަށް ބޮޑެވެ. އަދި އިތުރަށް ކިޔެވުމުގެ ފުރުސަތުތަކަށް އެދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގިނަ އަދަދެއްގެ މެޑިކަލް އޮފިސަރުން ވަކިވުމުން ހިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެހެން ދާއިރާތަކަށް މުވައްޒަފުން އިތުރުނުކުރި ނަމަވެސް، ސިއްހީ ދާއިރާގެ މުހިންމުކަމުން އެ ދާއިރާއަށް މުޅި ރާއްޖެއިން 2،000 އެއްހާ މުވައްޒަފުން އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް އެ މަސައްކަތް ހިނގަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު، ހުޅުމާލޭގެ ސިއްހީ ހިދުމަތްތައް ލުއިފަސޭހަކުރުމުގެ ގޮތުން ފޭސް 1 އަދި ފޭސް 2 ގައި އާންމު ބަލިތަކަށް ފަރުވާދޭނެ ދެ ޖީޕީ ކްލިނިކް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ތަންތަން ހުޅުވުމުން ހުޅުމާލެއަށް އިތުރު މުވައްޒަފުން ހަމަޖެހިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.