އީރާނާ ދެކޮޅަށް އެމެރިކާއިން އަލުން ފަށާފައިވާ އަސްކަރީ އޮޕަރޭޝަން މާ ގިނަ ދުވަހަށް ދިގުދެމިގެން ނުދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓަރްމަޕް މި ވާހަކަދައްކަވާފައިވަނީ އިރާނުގެ ކަންތައް ދެން މާގިނަ ދުވަހެއް ނުވެ ނިމިދާނެ ފަދަ މޭރުމަކުންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ބޭނުން ކޮންމެ ވަގުތަކު އީރާނަށް އިތުރު ހަމަލާތަކެއް ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ. އަދި ހޮރުމުޒް ކަނޑުއޮޅީގައި އީރާނުން އަލަށް ގާއިމުކުރި އަސްކަރީ ވަސީލަތްތަކާއި ރާޑަރު ސިސްޓަމްތައް، އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކެއްގައި ނައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކަނޑުގެ ސަރަހައްދުގައި މައިން ހަރުކުރުމަށް އީރާނުން އުފައްދަން މަސައްކަތްކުރި ރޮކެޓްތައްވެސް ހަލާކުކޮށްލާފައިވާ ކަމަށާއި، ހޮރުމުޒް ކަނޑުއޮޅި މިހާރު އޮތީ އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދުދެއްވައި، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ ވިދާޅުވީ، އެމެރިކާއާ ދެކޮޅަށް އީރާނުން ގެންގުޅޭނެ އާ ސިޔާސަތު ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރިޒާއީ ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ މައިދާނުގައާއި، ޑިޕްލޮމެސީގެ އިތުރުން އިގުތިސާދީ ދަތިކުރުންތަކާ ދެކޮޅަށް އީރާނުން ތަންފީޒުކުރާ އާ ސިޔާސަތުގެ ސަބަބުން އެމެރިކާގެ ބިންގާ ގުޑައިގެންދާނެއެވެ.
އެމެރިކާއިން އަމިއްލައަށް އުފެއްދި ނަރަކައިގެ ތެރެއިން އެ ގައުމަށް ސަލާމަތް ނުވެވޭނެ ކަމަށްވެސް ރިޒާއީ ވިދާޅުވިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރިޒާއީގެ މި ވާހަކަތަކުން ދޭހަވަނީ، އެމެރިކާގެ ހަމަލާތަކަށް އީރާނުން ދޭ ރައްދަކީ ހަމައެކަނި އަސްކަރީ ހަމަލާތަކެއްގެ ބަދަލުގައި، ޑިޕްލޮމެޓިކް އަދި އިގުތިސާދީ ފިޔަވަޅުތަކެއްވެސް ހިމެނޭ ފުޅާ ކެމްޕޭނަކަށް ވެގެންދާނެ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ބަދަލުކުރަމުންދާ ހަމަލާތައް ފުޅާވެފައިވާއިރު، އެމެރިކާއިން ވަނީ ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުތަކަށާއި އީރާނުގެ ހުޅަނގާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް