ޕާކިސްތާނުގެ ޑްރަގް ނެޓްވޯކަކަށް އަމާޒުކޮށް އެމެރިކާއާއި ސްރީލަންކާގެ އޭޖެންޓުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 21 މިލިއަން ޑޮލަރު (18 މިލިއަން ޔޫރޯ) ގެ ކްރިސްޓަލް މެތަމްފެޓަމީން އަތުލައިގަނެފި ކަމަށް ލަންކާ ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އަޝޯކާ ދަރްމަސޭނާ ވިދާޅުވި ގޮތުގައި، 463 ކިލޯގެ މި މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ ހަފުތާބަންދުގައި ކޮލަމްބޯ ބަނދަރަށް ގެނައި ކޮންޓެއިނަރެއްގައި ހުރި ތުވާލިތަކެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށެވެ. މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ދެ މީހަކާއި ލަންކާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އާއި ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ ގުޅިގެންނެވެ. ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ތަކެއްޗަކީ ލަންކާ މަގުން ބައިނަލްއަގުވާމީ މާކެޓުތަކަށް ސްމަގްލްކުރަން އުޅުނު ތަކެއްޗެވެ. އަދި މި އޮޕަރޭޝަނަށް ބޭނުންވާ އިންޓެލިޖެންސް ހޯދާފައިވަނީ އޮގަސްޓު 14 އިން 29 އަށް ޑީއީއޭ އާއި ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ދަރްމަސޭނާ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ފަށާފައިވަނީ ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެންނެވެ. އެމެރިކާ އެމްބަސީން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ޓެރަރިޒަމަށް ފަންޑުކުރާ ބައިނަލްއަގުވާމީ ކުށްކުރާ ގްރޫޕުތައް ނައްތާލުމަށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތުގެ ކާމިޔާބީއެކެވެ.
ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދަ ވިޖޭޕާލާ ގާނޫނުހަދާ މަޖިލީހުގައި ވިދާޅުވި ގޮތުގައި، އެ ގައުމަށް އެތެރެކުރާ ގިނަ މަސްތުވާތަކެތި ގެންނަނީ ކަނޑުމަގުން ޕާކިސްތާނާއި އަފްގާނިސްތާނުންނެވެ. އަދި 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގައި މަސްތުވާތަކެތި ބޭނުންކުރާ 4 ލައްކަ މީހުން އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ލަންކާއިން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގައި މިހާތަނަށް 14 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ދަނީ ކުރިއަށެވެ.
މިންހާ ފާއިޒް ރަޝާދު
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ކޮމެންޓް