އެއްގަމު ދަތުރުފަތުރު ކުރުމާބެހޭ އާ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ގޮތް ގާނޫނުން ކަނޑައަޅައިފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅައި މިދިޔަ އޮކްޓޫބަރު މަހުގެ 26 ގައި މަޖިލީހުން ފާސްކޮށް، މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި، އެއްގަމު ދަތުރު ފަތުރުގެ އާ ގާނޫނުގައި ވަނީ އެކި ކުއްތަކަށް 100 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމަައަށް ޖޫރިމަނާ ހިމަނައި، ޖީނާއީ ދައުވާ ކުރެވޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައެވެ.

ނަމަވެސް އެ ގާނޫނުގައި ކަނޑައަޅާފައި ވަނީ، މި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް، މިނިސްޓްރީން ގާއިމުކުރަންވާނެ ކަމަށެވެ.

އެ ނިޒާމުގެ ދަށުން ހުށަހެޅޭ ޝަކުވާތައް ބަލައ،ި ޖޫރިމަނާ ކުރުން މުރާޖައާ ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި މުރާޖައާ ކުރުމަށްފަހު،، އެ ޖޫރިމަނާއެއް ބާތިލް ކުރަންޖެހޭ ހާލަތުގައި ޖޫރިމަނާ މިނިސްޓްރީން ބާތިލް ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ޖޫރިމަނާ ކުރުން ބާތިލް ކުރާ އިރު، ޝަކުވާ ހުށަހެޅި ފަރާތުން ޖޫރިމަނާ ފައިސާ ދައްކާފައިވާ ނަމަ، އެ ޖޫރިމަނާއެއް ބާތިލް ކުރަން ނިންމާ ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން 15 ދުވަހުގެ ތެރޭގައި އެ ފައިސާ އެފަރާތަކަށް އަނބުރާ ރައްދުކޮށްދޭންވާނެ ކަމަަށްވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

ގާނޫނުގައި ބުނެފައި ވަނީ، މި ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާތަކުގެ ޝަކުވާ ހުށަހެޅޭނެ ނިޒާމާއި އެ ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތައް ބަލައި ޖޫރިމަނާ ކުރިކުރުން މުރާޖައާ ކުރެވޭނެ ހާލަތްތަކާއި ހަމަހަމަ ކަމާއެކު އެކަން ކުރެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދައި ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށެވެ.

މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރައްވާފައި ވީ ނަމަވެސް، މި ގާނޫނަށް އަމަލު ކުރަން ފަށާނީ، ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރި ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.