އެޕަލް ކުންފުނީގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމާ ޖޯން ޓާނަސް މިއަދު ރަސްމީކޮށް ހަވާލުވުމަށްފަހު، ކުންފުނީގެ މުވައްޒަފުންނަށް އޭނާގެ ފުރަތަމަ މެސެޖު ފޮނުވައިފިއެވެ.

މެކްރޫމާސް އަދި ނައިންޓުފައިވްމެކް ފަދަ ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓާނަސް ފޮނުވި މެމޯގައި ވަނީ ކުރީގެ ސީއީއޯ ޓިމް ކުކް ކޮށްދިން މަސައްކަތްތަކަށް ޝުކުރުއަދާކޮށް، ކުރިއަށް އޮތް ތަނުގައި ނެރެން ހަމަޖެހިފައިވާ އާ އުފެއްދުންތަކާ މެދު އޭނާ ހުރި އުފާވެރިކަން ހާމަކޮށްފައެވެ.

މި މެމޯގައި ޓާނަސް ބުނި ގޮތުގައި، ސީއީއޯގެ މަގާމާ ހަވާލުވި ފުރަތަމަ ދުވަހު މުވައްޒަފުންގެ ފަރާތުން ލިބުނު ހޫނު މަރުހަބާއަށް އޭނާ ޝުކުރުއަދާކުރެއެވެ. ޓިމް ކުކްގެ ފަރާތުން ލިބުނު ތަޖުރިބާއާއި އެހީތެރިކަމަށް ޝުކުރުއަދާކުރަމުން، ކުކް އަކީ އިންސާނިއްޔަތުކަމާއި ރަނގަޅު އަހުލާގާއެކު ކުންފުނި ހިންގި ލީޑަރެއް ކަމަށް ޓާނަސް ސިފަކުރިއެވެ. ކުންފުނީގެ ލީޑަރޝިޕަށް ގެނައި ބަދަލާއެކު، ޓިމް ކުކް މިހާރު ވަނީ އެޕަލްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ބަދަލުވެފައެވެ.

އަންނަ ހަފުތާގައި ބާއްވަން ހަމަޖެހިފައިވާ އެޕަލްގެ ހާއްސަ އިވެންޓަށް އިޝާރާތްކޮށް ޓާނަސް ބުނީ، އެއީ ވަރަށް ފުރިހަމަ ލޯންޗިންއަކަށް ވާނެ ކަމަށެވެ.

ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަހު 9 ގައި ބާއްވާ މި އިވެންޓުގައި އައިފޯން 18 ޕްރޯ އަދި އެޕަލްގެ ފުރަތަމަ ފޯލްޑަބަލް އައިފޯން އަލްޓްރާ ދައްކާނެ ކަމަށް ވަނީ ބެލެވިފައެވެ. މި އުފެއްދުންތައް ބާޒާރަށް ނެރުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް، ޓާނަސް ވަނީ އެންމެންނަށް ޝުކުރުއަދާކޮށްފައެވެ.

މީގެ އިތުރުން، މިހާރު މަސައްކަތް ފަށާފައިވާ އާ އުފެއްދުންތަކާއި، އަދި ހިޔާލަށް ވެސް ނުގެނެވޭ ފަދަ އާ އީޖާދުތައް މުވައްޒަފުންނާއެކު އުފެއްދުމަށް ކެތްމަދުވެފައި ހުރި ކަމަށް ޓާނަސްގެ މެމޯގައި ފާހަގަކޮށްފައިވެއެވެ.

އޭނާ ބުނި ގޮތުގައި، މުސްތަގުބަލު ބިނާކުރުމަށް އެޕަލްގެ ޓީމަށް ވުރެ ވަކީން ރަނގަޅު އެހެން ބަޔަކު ނެތެވެ. ޓާނަސް އެޕަލްގެ ސީއީއޯގެ މަގާމާ ހަވާލުވެފައި މިވަނީ، އެ ކުންފުނީގައި 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރުމަށް ފަހުގައެވެ.