މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކާއި، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަހަމްވި ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން، އެ ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، "މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަހަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ހަބަރުން، މުޅި ގައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިހްސާަސްތަކެއް ކޮށްފި،” ކަމަށެވެ.
މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާ މެދު އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަން ޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރާއި، ބެލްކަނި އަދި ރެއިލިން ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ތުއްތު ކުދިން ބެލެހެއްޓުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ގޮވާލެއްވިއެވެ. އެގޮތުން، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭބިސީތަކުގައި، އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި އާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.
މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހާއްސަ އިސްކަމެއް ދީގެން ރަނގަޅަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އާންމު ފަރުދުންނަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ. އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ ދިވެހި މުޖުތަމައަށާއި އާއިލާތަކަށް ސަލާމަތާއި އަމާންކަން މިންވަރުކުރެއްވުން އެދި ދުއާކުރައްވައިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދަނިކޮށް ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަދި ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ފްލެޓެއްގެ 12 ވަނަ ފަންގިފިލާއިން މިއަދު ވެއްޓި މަރުވެފައިވަނީ ދެ އަހަރުގެ އަންހެން ކުއްޖެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް