ސާފު ހަކަތައަށް ބަދަލުވުމަށް ރާއްޖޭގެ އަމާޒުތައް ހާސިލުކުރެވޭނީ ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މޫސުމީ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ މަހާސިންތާ (ކޮޕް31) ގެ ތެރެއިން، ސާފު ހަކަތައަށް ބަދަލުވުމާ ބެހޭގޮތުން މިއަދު ބޭއްވި މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ސާފު ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތަކީ ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން ގައުމުގެ އިގުތިސާދީ އަދި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އިމާރާތްކުރުމަށާއި އާންމު ބޭނުންތަކަށް ބޭނުންކުރާ ތެޔޮ ބޭރުގެ ގައުމުތަކުން އެތެރެކުރުމަށް ބޮޑު ހޭދައެއް ކުރާ ގައުމަކަށްވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް އިންތިހާއަށް ކުރާ ކަމަށެވެ. އެހެންކަމުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ގައުމީ ފެންވަރުގައި ބޮޑު އިސްކަމެއް ދީގެން ކުރަން ޖެހިފައިވާ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިގޮތުން ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަކީ ގައުމުގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. މި އަމާޒު ހާސިލުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުތަކާއި ހަކަތަ ރައްކާކުރެވޭނެ ނިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

11 ނޮވެމްބަރު 2026، ކޮޕް31 ގެ ތެރެއިން، ސާފު ހަކަތައަށް ބަދަލުވުމާ ބެހޭގޮތުން ބޭއްވި މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ރަށްތައް ވަކިވަކިން އުފެދިފައިވުމުގެ ސަބަބުން ހަކަތައިގެ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމަށް ބޮޑެތި ހަރަދުތަކެއް ހިނގާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 2024 އިން 2033 އަށް ހަކަތައިގެ ދާއިރާއިން ކުރިއަށްދާނެ މަގުޗާޓެއް އެކުލަވާލެވިފައިވާ ކަމަށެވެ. މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލި މަގުޗާޓެކެވެ.

ސާފު ހަކަތައަށް ބަދަލުވުމުގެ އަމާޒުތައް ހާސިލުކުރެވޭނީ ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީއާއި އިންވެސްޓްމަންޓްތައް ލިބިގެން ކަމަށްވާތީ، ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ހަކަތައިގެ ދާއިރާގެ ކާމިޔާބީ މިނެކިރެވޭނީ އިއުލާނުކުރާ ކަންތައްތަކަކުން ނޫން ކަމަށާއި، އެ ކަންކަން އަމަލީގޮތުން ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި މުސްތަގުބަލެއް ބިނާކުރުމަށް ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.