މަގުމައްޗާއި އުސް އިމާރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަހަމްވި ކުޑަކުއްޖަކާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ދެ ހާދިސާއާ ގުޅިގެން މުޅި ގައުމަށް ނުތަނަވަސްކަމާއި ހިތާމަވެރި އިހުސާސްތަކެއް ކުރުވާފައިވާ ކަމަށް ވިދާޅުވެ، ރައީސް ވަނީ އެ ދެ ކުދިންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފައެވެ.

މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓުތަކާ މެދު އާންމުން ހޭލުންތެރިކުރުން އިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަން ޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށް ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނި އަދި ރެއިލިން ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނަފުސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ތުއްތު ކުދިން ބެލެހެއްޓުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އެދިވަޑައިގަތެވެ. އެގޮތުން، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭބިސީތަކުގައި، އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި އާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކުރުމަށްޓަކައި، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން އާންމު ފަރުދުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ހާއްސަ އިސްކަމެއް ދީގެން، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. ރައީސްގެ ޕޯސްޓު ނިންމަވާލައްވަމުން، ދިވެހި މުޖުތަމައަށާއި އާއިލާތަކަށް ސަލާމަތާއި އަމާންކަން މިންވަރުކުރެއްވުން އެދި ވަނީ ދުއާކުރައްވައިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދަނިކޮށް ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަދި ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ފްލެޓެއްގެ 12 ވަނަ ފަންގިފިލާއިން މިއަދު ވެއްޓި މަރުވެފައިވަނީ ދެ އަހަރުގެ އަންހެން ކުއްޖެކެވެ.