މިއަދު ތަސްދީގުކުރެއްވި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާގޮތަށް، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމެއް ދައުލަތަށް ނަގާނީ ތަރައްގީގެ މަޝްރޫއުތަކަށް އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން، ކައުންސިލްތަކުގެ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އެންމެފަހުން ގެނައި ބިލު މިއަދު ތަސްދީގުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މި ބިލު ތަސްދީގު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ކުރިއަށްގެންދަން ނިންމާވާފައިވާ މަޝްރޫއުތައް ފެށުމަށް ބޭނުންވާ ބިންތައް ހަވާލުކުރުމަށް އިދިކޮޅު ވިސްނުމުގެ ކައުންސިލްތަކުން ހުރަސް އަޅަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މަޝްރޫއުތައް ވަރަށް ބޮޑަށް ލަސްވެގެންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި މި އިސްލާހަށް ސަރުކާރުން ތާއީދުކުރަން ނިންމީ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ބައެއް ކައުންސިލުތަކުން ކުރިމަތިކުރަމުންދާ ދަތިތަކަށް އެ ބިލުން ހައްލެއް ލިބިގެންދާތީ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލްގެ އިހުތިސާސުން ބިން ނަގަންޖެހޭ ހާލަތެއްގައި އެ ބިން ނަގާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަން އެކަނި ކަމަށެވެ. އަދި ބިން ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީވެސް ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާނަމަ، ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް، އެހެންނަމަވެސް ހުރަސް އަޅާ ކަމަށްވަންޏާ އެތައް މަހެއް ޑިލޭވަމުންދަނީ. އެހެންވެއްޖެއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެންވެސް މަޝްރޫއުތައް ހިންގަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ އިހުތިސާސުން ބިން ވަކިކުރުމުގެ ކުރިން ބިލުގައި ކަނޑައަޅާފައިވާ އިޖުރާއަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހާ ހަމައަށް ބިމެއް ވަކިކުރަން ފޮނުވާއިރު ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ހުންނާނެ ކަމަށެވެ.
އެގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ މައުލޫމާތު އާންމުކޮށް އިއުލާން ކުރުމާއި އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދަންވެސް ބިލުގައި ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބިމެއް ކައުންސިލެއްގެ އިހުތިސާސުން ވަކިކުރުމުގެ ކުރިން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަކާއެކު މަޝްވަރާކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތަށް ބިމެއް ނެގުމުގެ ކުރިން ގާނޫނުގެ ދަށުން ބިމަށް އެއްވެސް އިންވެސްޓްމެންޓެއް ކައުންސިލުން ނުވަތަ އެހެން ފަރާތަކުން ކޮށްފައިވާނަމަ އެކަމަށް ބަދަލުދޭންވެސް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ބިމެއް ކައުންސިލްގެ އިހްތިސާސުން ވަކިކުރެވޭނީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު ކަމަށްވެސް ވިދަޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް