އަމިއްލަ ބޭނުމަށް އެއް ބާވަތެއްގެ އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލް ނުވަތަ ދެ ބާވަތަކުން އިންޖީނުލީ ދެ އުޅަނދަށް ވުރެ އިތުރަށް ވެހިކަލް ރަޖިސްޓަރީ ކުރާ ނަމަ މަލްޓިޕްލް އޯނާޝިޕް ފީގެ ނަމުގައި އާ ފީއެއް ނަގަން ފަށައިފިއެވެ.

އިއްޔެ ތަސްދީގުކޮށް އަމަލުކުރަން ފެށި އާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ފަރުދެއްގެ ނަމުގައި ނުވަތަ ގާނޫނީ ޝަހުސެއްގެ ނަމުގައި ރަޖިސްޓަރީކުރާ އުޅަނދުގެ އަދަދު ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުވާ ނަމަ އަހަރަކު އެއްފަހަރު މި ފީ ދައްކަން ޖެހޭނެއެވެ.

މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން ހަ މަހުގެ މުހުލަތެއް ދިނުމަށް ފަހު މި ފީއަށް އަމަލުކުރަން ފަށާނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މިގޮތުން ނަގާ ފީތައް ކަނޑައަޅާފައިވަނީ އުޅަނދުގެ އިންޖީނުގެ ކެޕޭސިޓީއަށް ބަލައިގެން ކަމަށް އެ ގާނޫނުގެ ޖަދުވަލުގައިވެއެވެ.

ސައިކަލާއި އިންޖީނުލީ ބައިސިކަލް ކެޓަގަރީގެ އިތުރުން އެ ނޫން ވެހިކަލްތަކުގެ ކެޓަގަރީ ހިމެނޭހެން ތަފާތު ރޭޓްތަކުން ފީ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ސައިކަލް ކެޓަގަރީގައި ހިމެނޭ 50 ސީސީ ހަމަނުވާ އުޅަނދުތަކަށް އަހަރަކު 360 ރުފިޔާ ދައްކަންޖެހޭ އިރު، 50 ސީސީއާއި 100 ސީސީއާ ދެމެދުގެ އުޅަނދުތަކަށް އަހަރަކު 752 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 100 ސީސީއާއި 150 ސީސީއާ ދެމެދުގެ އުޅަނދުތަކުން އަހަރަކު 1296 ރުފިޔާ ނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިއަށްވުރެ ބޮޑެތި އިންޖީނު ކެޕޭސިޓީ ހުންނަ ސައިކަލްތަކުގެ ތެރެއިން 150 ސީސީއިން މަތިވެފައި 200 ސީސީ ހަމަނުވާ އުޅަނދުތަކަށް 2304 ރުފިޔާ އަދި 200 ސީސީއިން މަތިވެފައި 400 ސީސީ ހަމަނުވާ އުޅަނދުތަކަށް 12960 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި 400 ސީސީއިން މަތީގެ އުޅަނދުތަކަށް އަހަރަކު 12960 ރުފިޔާގެ އިތުރުން 17،280 ރުފިޔާއާ ހަމައަށް ފީ ދައްކަން ޖެހެއެވެ.

މީގެ އިތުރުން ކާރާއި ވޭން އަދި ޖީޕް ފަދަ އުޅަނދުތައް އެއް އުޅަނދަށް ވުރެ ގިނައިން ރަޖިސްޓްރީ ކުރާ ނަމަ އިންޖީނުގެ ކެޕޭސިޓީއަށް ބަލައި އަހަރަކު 4320 ރުފިޔާއިން ފެށިގެން 17000 ނުވަތަ އެއަށްވުރެ މަތީ އަދަދަކަށް ފީ ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން މުދާ އުފުލާ އުޅަނދުތަކަށް އުފުލޭ ބަރުދަނަށް ބަލައިގެން އަހަރަކު 3600 ރުފިޔާއިން ފެށިގެން 15000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފީ ނެގުމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.