ކެނަބިސް ތްރެފިކް ކުރި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމްކުރީ ރ. އިނގުރައިދޫ، ލެގޫންވިއު، ޝަމްއާން އަބްދުއްޝަކޫރުގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާކުރީ، ފުލުހުން މާލެ ތެރެ ޕެޓްރޯލްކުރަމުން ދަނިކޮށް ޝަމްއާންގެ އަމަލުތައް ހުރިގޮތުން ގާނޫނާއި ގަވާއިދާހިލާފު އެއްޗެއް އޭނާ ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުން އޭނާ ލައިގެން ހުރި ޖިންސްގެ ޖީބުން ކެނަބިސް ފެނިގެންނެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ޝަމްއާން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފައެވެ.

އެ އެއްބަސްވުން އެކުލަވާލަން ނިންމި ކަމަށް އޭނާ ބުނެފައިވަނީ، އެއީ އޭނާ ކޮށްފައިވާ ކަމަކަށް ވެފައި އޭނާ މަގުމަތިން ހިނގާފައިދިޔައިރު ޖީބުގައި މަސްތުވާތަކެތި ހުންނާނެ ކަމަށާއި، އެތަކެއްޗަކީ ބުއިމާއި ވިއްކުމަށް ގެންގުޅުނު ތަކެތި ކަމަށާއި، އަތުގައި އޮތް ކައްޓާއަކީ އެ ތަކެތި ވިއްކުމުގެ ގޮތުން ކިރުމަށް ބޭނުންކުރުމަށް ގެންދިޔަ އެެއްޗެއް ކަމަށް ވާތީއެވެ.

މި މައްސަލައިގައި އަމިއްލަ އިއުތިރާފުން ކެނެބިސް ޓްރެފިކް ކޮށްފައިވާކަން ސާބިތުވެފައިވާތީ، އެ ކުށުން އޭނާ ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، 14 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް 12 މަސަދުވަހުގެތެރޭގައި އެ ފައިސާ މޯލްޑީވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން ކޯޓުން އޭނާއަށް ވަނީ އަންގައިފައެވެ.