މަސައްކަތުގެ މާހައުލަށް ޅ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުން އަހުލުވެރިކުރުމަށް، މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ. ފެލިވަރުން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިފްކޯއިން މިއަދު ބުނީ "އުއްދަނަ" ގެ ނަމުގައި ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ ޅ. އަތޮޅު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން މަސައްކަތްތެރިކަމަށް ޝައުގުވެރިކުރުމަށާއި، މަސައްކަތް ދަސްކޮށްދީ، މުޖުތަމައުގައި މަސައްކަތްތެރި ބަޔަކަށް ހެދުމާއި، ދަރިވަރުންނަށް ވަޒީފާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމުގައި ޅ. އަތޮޅު ހިންނަވަރުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން 13 ދަރިވަރުން އަދި ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުން 17 ދަރިވަރުނާއެކު ޖުމުލަ 30 ދަރިވަރުން ބައިވެރިވި ކަމަށް މިފްކޯއިން ބުންޏެވެ.

"އުއްދަނަ" ޕްރޮގްރާމް ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ވެސް އަމިއްލައަށް ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރުކުރުމަށް ފުރުސަތު ދީފައިވާ ކަމަށާއި އެ ދަރިވަރަކު އިހުތިޔާރުކުރި ދާއިރާއިން މަސައްކަތުގެ ފުރިހަމަ މައުލޫމާތު މިފްކޯގެ ކަމާގުޅޭ ޓެކްނިކަލް މުވައްޒަފުންގެ ފަރާތުން ދިނުމާއި، މަސައްކަތުގައި އަމަލީގޮތުން ތަޖުރިބާ ހާސިލުކުރުމުގެ ފުރުސަތު އެ ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ލިބޭނެ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯ އިން ބުނީ އެ ޕްރޮގްރާމުގެ ދަށުން މެރިން މެކޭނިކު، އޮޓޯ މެކޭނިކު، ރެފްރިޖެރޭޝަން މެކޭނިކު، ކޭޝިއަރުން، ޕްރޮޑަކްޝަން، ކޮލިޓީ އެޝުއަރެންސް، ލެބޯޓަރީ ޓެކްނީޝަން، އެޑްމިނިސްޓްރޭޝަން، ހައުންސިން އެންޑް ލޯންޑަރީ، އެގްރިކަލްޗާ އެންޑް ފާމިން ފަދަ ގިނަ ފަންނީ ދާއިރާތަކުން ދަރިވަރުން އަހުލުވެރި ކުރެވިގެންދާނެ ކަމަށެވެ.

ފެލިވަރުގެ އަމާޒަކީ އެ ޕްރޮގްރާމް ފުޅާކޮށް، މެދުނުކެނޑި ކުރިއަށް ގެންގޮސް، ސްކޫލުތަކުގެ ދަރިވަރުންނަށް އެ ސިނާއަތުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް މިފްކޯ އިން ބުންޏެވެ.