މާދަމާއިން ފެށިގެން ކ. ހިންމަފުއްޓާއި ކޫއްޑޫ އާއި ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫގެ އެސްޓީއޯގެ ސްޓޭޝަންތައް ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކ. ގާފަރަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް މިދިޔަ ނޮވެމްބަރު މަހު ޕްރޮގްރާމެއް އިއުލާނު ކުރައްވާފައިވާނެ އެއީ އެސްޓީއޯ ރޭޓްގައި ކޮންމެ އަތޮޅަކުން ވެސް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ވައުދަކީ އަންނަ އަހަރުގެ ތެރެއަށް ބަހާލެވިގެން ކޮންމެ މަހަކުވެސް ކޮންމެވެސް އަތޮޅެއްގައި އެސްޓީއޯގެ ސްޓޭޝަނެއް ހަދައި ހިދުމަތް ދިނުމަށް ރޭވިގެން ކުރިއަށް ގެންދަން ނިންމެވި ޕްރޮގްރާމެއް ކަމަށެވެ. އަންނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ވެސް އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ޕްރޮގްރާމްގެ މަގުސަދު ކަމަށް ރައީސް ވިދާޅުވިއެވެ.
"އެގޮތުން މާދަމާއިން ފެށިގެން އެސްޓީއޯގެ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސްގެ މި ދަންނަވާ ހަތަރު ސައިޓުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ މި ދަންނަވާ ތާވަލްގެ ކުރިންވެސް. މާދަމާއިން ފެށިގެން ހިންމަފުށި، ކޫއްޑޫ، ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫ، މި ހަތަރު ރަށުން އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި ސައިޓްތަކުން މާދަމާއިން ފެށިގެން އެސްޓިއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް ކޫއްޑޫ އާއި ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުތަކުންވެސް އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކާމިޔާބުވުމުން އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް މިހާރު ރާވާފައިވާ ޕްލޭނަށް ބަދަލު ގެނެސްގެން، ހާއްސަ ސަރަހައްދުތަކުން އަވަހަށް އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށާއި އެގޮތުން ދުރުމިނަށް ބަލައި ހުވަދު އަތޮޅާއި މާލެއާ ދެމެދުން މ. އަތޮޅުން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު