މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ. ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގައި ހިމެނޭ ކޭނަރީގެ ޑިޒައިނިން މަސައްކަތް ފަށައިފިއެވެ.

ޗައިނާ ކޮންޓްރެކްޓްރަކާއި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ފެށި މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފެލިވަރުގެ ރީޖަނަލް މެނޭޖާ މިޝާލް އަހުމަދު ވިދާޅުވީ، މިވަގުތު މިފްކޯގައި ހުރި ކޭނަރީއަކީ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކޭނަރީއެއް ކަމުގައެވެ.

އަލަށް ގާއިމްކުރާ ކޭނަރީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ބާނާ ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން މަހުގެ އުފެއްދުންތައް އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމުން އައި ކަމެއް. ސަރުކާރުން މި މަޝްރޫއު އަވަސްކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން އަޅުގަނޑު ފާހަގަކުރަން،" މިޝާލް ވިދާޅުވިއެވެ.

ކޭނަރީގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިފްކޯގެ އިންޖިނިއަރިން ކޮންސަލްޓެންޓް އަހުމަދު އަބްދުﷲ ވިދާޅުވީ، މިހާރު ހުރި ކޭނަރީއަކީ 1976 ވަނަ އަހަރު ގާއިމްކޮށްފައިވާ، އެ ދުވަަސްވަރަށް އެންމެ އެކަށީގެންވާ، ވަރަށް ޒަމާންވީ ފެސިލިޓީއެއް ކަމަށެވެ. އެކަމަކު ކުރިއަރަމުންދާ ޓެކްނޮލޮޖީއާ އެކު އަލަށް ގާއިމްކުރާ ކޭނަރީއަކީ ފުލް އޮޓޮމެޓިކް ފެސިލިޓީއެއް ކަމަށެވެ. އެގޮތުން މަސްދަޅު ބަންދުކުރުމާއި ލޭބަލް ޖެހުމާއި ޕެކިންގެ އިތުރުން ގުދަން ކުރުމުގެ މަސައްކަތް ހިނގާނީ މެޝިނަރީތަކުގެ ޒަރީއާއިން ކަމަށެވެ.

"މިތަން ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުގެ ސްޓޭޓް އޮފް ދި އާޓް ކޭނަރީއަކަށް" އަހުމަދު ވިދާޅުވިއެވެ.

ފެލިވަރުގައި ގާއިމްކުރާ ކޭނަރީއަކީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

މިފްކޯގެ އަމާޒަކީ، މި މަޝްރޫއު 2026 ގެ ނިޔަލަށް އެއްކޮށް ނިންމުމެވެ.

ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ހިމެނޭ ކޭނަރީގެ އިތުރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކޯލްޑް ސްޓޯރޭޖް މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ މެނޭޖަރު މުހައްމަދު ޝަމީމް ވިދާޅުވީ، ރާއްޖޭގެ އުތުރުގައި މަސްގަނެ، މަސް ފިނިކޮށްގެން ރައްކާކުރެވޭނެ ނިޒާމެއް ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން އަދި މިހާތަނަށް ގާއިމްކޮށްފައި ނެތް ކަމުގައިވިޔަސް، އެ މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާ އެކު ސީދާ ފެލިވަރަށް މަސް ކިރޭނެ ކަމަށެވެ.

އެއީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖާ އެކު، 200 ޓަނުގެ ބްރައިން ފްރީޒިން އާއި 80 ޓަނުގެ އާރުއެސްޑަބްލިއު ސިސްޓަމެއް ގާއިމްކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ޕްރޮޖެކްޓް ނިމޭއިރު، މަސްވެރިން ބާނާ މަސް ދުވަހުން ދުވަހަށް ކިރޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ލިބިގެން ދާނެ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑުއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެއެވެ. އަދި އުތުރުގެ މަސްވެރިން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ސަރުކާރުން 22 މިލިއަން ޑޮލަރު ހަރަދުކުރުމަށް ނިންމާފައިވާ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓަކީ ވެސް، އެސައިޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

އެގޮތުން އެ ޕްރޮޖެކްޓަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ރައިނެކް އިންޑިއާ ލިމިޓެޑާ ހަވާލުކުރި މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގަން ނިންމި މަޝްރޫއެކެވެ.