ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ގާނޫނާ އެއްގޮތަށް ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދީފިއެވެ.
ބީއެމްއެލުން އެހެން ބުނެފައި މިވަނީ، ޑޮލަރުގެ މުއާމަލާތް ކުރާ ފަރާތްތަކުގެ އެކައުންޓުތަކުގެ މައުލޫމާތު ހޯދުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްބުނެ ސައްހަ ނޫން ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދިއުމާ ގުޅިގެންނެވެ.
މިނިސްޓަރުގެ ސޮއި ފޯޖުކޮށްގެން، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށް ފޮނުވާފައިވާ ކަމަށްބުނާ އެ ސިޓީގައި ވަނީ، މަނީ އެކްސްޗޭޖް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކާއި އަދި އެ ފަރާތްތަކުގެ އެކައުންޓުތަކަށް 500 ޑޮލަރަށްވުރެ މަތީގެ އަދަދުތަކުން ފައިސާ ފޮނުވާފައިވާ ފަރާތްތަކުގެ އެކައުންޓުތަކުގެ ފާއިތުވި ހަ މަސްދުވަހުގެ ބޭންކް އެކައުންޓު ސްޓޭޓްމަންޓުތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.
އަދި އެ މައުލޫމާތު ހިއްސާކުރާ އިރު، ސީއެސްވީ ފޯމެޓަށް މައުލޫމާތު ހިއްސާކޮށްދިނުމަށާއި، އެކައުންޓުތަކުގެ ވެރިފަރާތްތަކުގެ ފޯނު ނަންބަރާއި ވަޒީފާ އަދާކުރަމުން ގެންދާތަން ފަދަ މައުލޫމާތުތައް ވެސް ހިއްސާކޮށްދިނުމަށް އެދޭ ކަމަށް ފޯޖުކޮށްފައިވާ އެ ސިޓީގައިވެއެވެ.
އެ ސިޓީއާ ގުޅިގެން މިނިސްޓަރު އިހުސާން، "ވަން" އަށް މިރޭ ވިދާޅުވީ އެ ސިޓީއަކީ ސައްހަ ސިޓީއެއް ނޫން ކަމަށާއި އޭޕްރީލް މަހުން ފެށިގެން މިނިސްޓްރީން ބޭނުންކުރަމުންދަނީ އެ ސިޓީގައި ހިމެނޭ އީމެއިލް އެޑްރެސް ނޫން ކަމަށެވެ. އަދި ދައުރުވާ ސިޓީގައި ކަޅު ކުލައިން ސޮއި ހިމަނާފައިވީ ނަމަވެސް، ސިޓީތަކުގައި މިނިސްޓަރު ސޮއިކުރައްވަނީ ނޫ ކުލައިން ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ހޯމް މިނިސްޓްރީ އަކީ ތަހުގީގު ހިންގާ އިދާރާއެއްކަމަށް ނުވާތީ މިފަދަ އެއްވެސް ލިޔެކިޔުމެއް ބޭންކަށްވެސް އަދި އެފަދަ އެހެން އިދާރާއަކަށްވެސް ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ނަމުގައި މިފަދަ ކަންކަން ނުހިންގުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން ބީއެމްއެލުން މިރޭ ބުނީ ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި އަދި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ބޭންކަށް ހުށަހެޅުމުން ކަމަށެވެ.
"ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އިން މި ބޭންކަށް ސިޓީއެއް ފޮނުވާފައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ނޫން ސިޓީއެެއްކަން މި ފުރުސަތުގައި ދަންނަވާލަމެވެ..،" އެ ބޭންކުން ބުންޏެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަނޑައަޅާ ރަސްމީ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުން ކުށަކަށް ހަދައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ތަސްދީގުކުރައްވައިފައެވެ.
ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ޑޮލަރު ވިއްކުމާއި، އިޝްތިހާރު ކުރުމަކީ ކުށެކެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތި ނުވާ ގޮތެއްގެ މަތިން ކަމަށާއި އެ ރޭޓާ ހިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 25،000 އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި، ޕްރޮމޯޓްކުރުމަކީވެސް މި އިސްލާހުގެ ދަށުން ކުށެކެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގައި އިޝްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުން ކަމުގައި ބުނެފައިވަނީ އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާއިއު ކުރުމާއި، ފެތުރުމާއި، ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މިމަހުގެ 24 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ޑޮލަރު ކަޅު ބާޒާރު ހިންގުމުގެ ފަހަތުގައި ބޮޑެތި ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން ސިޔާސީ ބޭފުޅުން އެބަތިބި ކަމަށާއި އެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ހަތް ގުޅޭ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އެ ތަންތަނުން އެކަނިވެސް ފާއިތުވި ނުވަ ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ހުއްދަ ނުނަގައި މިފަދަ މުއާމަލާތްތައް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށާއި ޖިނާއީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑާކުރުން ކަމަށެވެ.
"ޖިނާއީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑާކުރުން. އެނގިގެންވެސް ނޭންގިވެސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ. މި ތަންތަނުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މަސައްކަތެއް ނުކޮށް، މަނީ އެކްސްޗޭންޖް މަސައްކަތް މިކުރަނީ. އެކްސްޗޭންޖް ކުރާ ބައެއް މިއީ" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތަކުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ބޮޑުވުމާ ގުޅިގެން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ޑޮލަރު ހޭދަކުރާ ގޮތް މޮނިޓާ ކުރުމަށް ވެސް އެމްއެމްއޭ އިން ވަނީ ނިންމައިފައެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް